ފިކުރީ މުދަލާ ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ސިޔާޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވަން މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އަދި އެ ގާނޫނަށް މިދިޔަ ޖެނުއަރީ މަހު އަމަލުކުރަން ފަށާފައިވެއެވެ.

ރަޖިސްޓްރާއަކަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ގާނޫނުގެ ދަށުން ރަޖިސްޓްރާ އައްޔަންކޮށް ވަކިކުރުމުގެ ބާރު ލިބިގެންވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މި މަގާމަށް މީހަކު އައްޔަންކުރެވެނީ ފަސް އަހަރުދުވަހުގެ މުއްދަތަކަށެވެ.

ފިކުރީ މުދަލާ ގުޅުންހުރި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ބިނާކޮށް ވަރުގަދަކުރުމަކީ ރަޖިސްޓްރާގެ މައިގަނޑު ޒިންމާއެކެވެ. ފިކުރީ މުދަލުގެ ގާނޫނުން ލިބިދޭ ހައްގުތަކާމެދު އާންމުން ހޭލުންތެރިކުރުވުމަކީ ވެސް ރަޖިސްޓްރާގެ ޒިންމާއެކެވެ.