ޒުވާނުންނާއި ކިޔަވާކުދިންގެ މެދުގައި ކުރިމަތިވާ ނަފްސާނީ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ޔޫތު ހަބްގެ ހޯލުގައި ބޭއްވި "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށް ވެސް އުނދަގޫތަކާއި ނުތަނަވަސްކަން ތަޙައްމަލުކުރަންޖެހޭނެ ކަމަށާއި، ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުންމީދު ކުރި ގޮތް ނުވުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމަށެވެ.
އިންސާނާގެ އެންމެ އަގުހުރި އެއްޗަކީ އޭނާގެ ނަފްސާއި ފުރާނަ ކަމުގައި ވީހިނދު، ނަފްސާއި ފުރާނައަށް ރައްކާތެރިވާންޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މާތް ﷲ ގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް މާތް ﷲ އަށް ވަކީލުކުރުން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ޞިއްޙީ ގޮތުން ބެލުމުގެ އިތުރުން ދީނީ ގޮތުން ވެސް ބަލަންޖެހޭ މުހިންމު ކަމެކެވެ. އެހެންކަމުން ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފަސްނުޖެހި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ކަމާބެހޭ އެހީތެރިންނާ ޙިއްޞާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް އެކަމަނާ ވަނީ ޒުވާނުންނަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، މި ދާއިރާގައި މަސައްކަތްކުރައްވާ އިދާރީ އަދި ޤާނޫނީ ޒިންމާ އުފުއްލަވާ ބޭފުޅުން އެކަންކަން ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖްތިމާޢީ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

