ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުން ހިމެނޭ ގޮތަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ގިނަ އިޞްލާޙުތަކެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް އެކުލެވިގެންވާ ގޮތާއި، ކޯޓުތަކުގެ އިޚްތިޞާޞާއި، އިސް މަޤާމުތަކުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން ކޯޓުތަކުގެ އިދާރީ އަދި މާލީ ހިންގުން ހަރުދަނާކޮށް، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމެވެ.

މި ބިލުގައި ހިމެނޭ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމުގެ އިތުރުން، ސުޕީރިއާ ކޯޓުތަކަށް ހުށަހެޅޭ އަދި ހިނގަމުންދާ މައްސަލަތަކުގެ ނިސްބަތުން އެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމާއި، މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި އެ ރަށެއްގައި ޤާއިމުވެ ހުންނަ ފަނޑިޔާރަކު ހުންނަންވާނެ ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ކޯޓުތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ދައުލަތުގެ މާލިއްޔާއިން ކޯޓުތަކަށް ދޫކުރާނެ ފައިސާގެ އެންމެ ދަށް އިންސައްތަ ކަނޑައަޅައި، އެ ފައިސާ ވަކިވަކި ކޯޓުތަކަށް ދޫކުރުމުގެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ބެލެހެއްޓުމަށް "ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ވަކި އޮފީހެއް ޤާއިމުކޮށް، އެ އޮފީހުގެ އިސްވެރިއެއްގެ ގޮތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމު އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު، ކޯޓުތައް ހިންގުމުގައާއި ޝަރީޢަތް ކުރުމުގައި ގެންގުޅޭ މައިގަނޑު ސިޔާސަތުތަކާއި ގަވާއިދުތައް އެއްހަމަކުރުމުގެ ޒިންމާއާއެކު "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމާއި، ކޯޓުތަކުގެ ރަޖިސްޓްރާރުންނާއި އިސް ޤާޟީންނާއި އިސް މެޖިސްޓްރޭޓުންގެ ދައުރު މުރާޖަޢާކޮށް، ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުން ވެސް މި ބިލުގައި ހިމެނެއެވެ.

ޤާނޫނުގައި މިހާރު އޮންނަ ގޮތުން ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ފޮނުވުމަށް މާލޭގެ ކޯޓުތަކަށް ގިނަވެގެން 7 ދުވަސް އަދި ރަށްރަށުގެ ކޯޓުތަކަށް 30 ދުވަހުގެ މުއްދަތެއް ލިބެއެވެ. ނަމަވެސް އާ އިޞްލާޙުގައިވާ ގޮތުން ދަށު މަރުޙަލާގެ ހުރިހާ ކޯޓަކުން ވެސް ހައިކޯޓަށް ލިޔެކިޔުންތައް ފޮނުވަންޖެހޭނީ އެއް ހަމައަކުން 14 ދުވަހުގެ ތެރޭގައެވެ. އަދި ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ސީދާ އިސްތިސްނާކުރާ ޙާލަތްތައް ފިޔަވައި، ހައިކޯޓުގައި ހިންގާ އެންމެހައި ޝަރީޢަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދަންވާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.