ޔޫއޭއީގެ އީގަލް ހިލްސްއާއެކު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢުއަށް ރަސްމާލޭގެ ބިން ދޫކޮށްލާ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ޤަރާރު، މަޖިލީހުގެ ރައީސްގެ މޭޒުން މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް މި މަހުގެ ދެވަނަ ދުވަހު ހުށަހެޅުއްވި މި މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން އިޢުލާންކުރެއްވީ، މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން، މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ބާރުގެ ތެރެއިން ނިންމާ މުހިންމު ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ނިންމިދާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެފަދަ ޤަރާރެއް މަޖިލީހަށް ހުށަހެޅުމުން ބަހުސްކުރުމަކާ ނުލައި ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވަންޖެހެއެވެ.
މަޖިލީހުގެ ގަވާއިދުގެ 253-4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ހުށަހަޅާ ޤަރާރެއް ކޮމިޓީން ދިރާސާކޮށް ފުރިހަމަކުރުމަށްފަހު، 14 ދުވަހުގެ ތެރޭގައި އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވަންޖެހޭނެއެވެ.

