ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ބައިނަލްއަޤްވާމީ މުބާރާތް އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، މި މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފަހުގެ ތައްޔާރީތައް ވެސް މިހާރު ވަނީ ފުރިހަމަ ކުރެވިފައެވެ.

މިނިސްޓަރު ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މުބާރާތެއް ކަމަށެވެ. އެގޮތުން މުބާރާތުގެ އިންތިޒާމުތައް ވިލަރެސްކުރުމަށާއި ފަހުގެ ނިންމުންތައް ނިންމުމަށްޓަކައި، ސަޢޫދީ މިނިސްޓްރީގެ ޚާއްޞަ މަންދޫބަކު މިހާރު ރާއްޖެ ވަޑައިގެންފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތް ބޭއްވުމަށް ބޭނުންވާ މާލީ އެހީތެރިކަން ސަޢޫދީ ސަރުކާރުން ހަމަޖައްސައިދީފައިވާތީ އެ ކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އިތުރުކުރުމަށާއި، އިސްލާމީ ތަޢުލީމީ ދާއިރާއިން އޮތް ގުޅުން ބަދަހިކޮށް ސަރަހައްދީ އެއްބައިވަންތަކަން ހަރުދަނާކުރުމަށް މި މުބާރާތުން މަގުފަހިވެގެންދާނެއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް މެދުކެނޑުމެއްނެތި ބޭއްވޭ މުބާރާތަކަށް ހެދުން ކަމަށެވެ. އަދި މިއީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށާއި ޙާފިޡުންގެ އައު ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ދާއިމީ މަންސައަކަށް ވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ބާއްވާ ޙިފްޡުކުރުމުގެ މި ބައިނަލްއަޤްވާމީ މުބާރާތަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި މިހާރު 300 އަށްވުރެ ގިނަ ޙާފިޡުން އެބަ ތިއްބެއެވެ.