އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި އޭނާގެ ރަނިންމޭޓް، މާލޭގެ މޭޔަރު އާދަމް ޢާޒިމް ޕްރައިމަރީއަށް ނުކުންނެވީ އެމަނިކުފާނުގެ ތާއީދާއެކު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފައިޞަލާއި ޢާޒިމަށް ތާއީދުކޮށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ކެމްޕެއިން ޙަރަކާތެއްގެ ތެރެއިންނެވެ.
އެމަނިކުފާނު ވިދާޅުވީ، ފައިޞަލާއި ޢާޒިމް ޕްރައިމަރީގައި ވާދަކުރައްވަނީ އެމަނިކުފާނާ މަޝްވަރާކުރެއްވުމަށްފަހު، އެމަނިކުފާނުގެ ފުރިހަމަ ތާއީދާއެކުގައި ކަމަށެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެސް ފައިޞަލާއި ޢާޒިމް ވަނީ ރައީސް ޞާލިޙާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު ފައިޞަލް ވިދާޅުވެފައިވަނީ، ޕްރައިމަރީއަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ ރައީސް ޞާލިޙްގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއެކު ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ އެހެން ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.
އަންނަ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނެ ވަކި ތާރީޚެއް އެ ޕާޓީން އަދި އިޢުލާންކޮށްފައެއް ނުވެއެވެ.

