ގއ. ކޫއްޑޫގައި މަސްތުވާތަކެތި ވިއްކަމުން އައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިފްކޯ އިން މަސްވެރިކަމުގެ މަސައްކަތްތައް ބޭނުން ކުރަމުން އަންނަ ރަށުން އޭނަ ހައްޔަރުކުރީ މަސްތުވާތަކެތި ރައްކާކޮށް، ފުޅާ ދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
މި އޮޕަރޭޝަން ހިންގީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިހާއި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.
މި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ ހާރިސް މިއާ، 37، އެވެ. ފުލުހުން ބުނީ އޭނަ ހައްޔަރުކޮށް، ކޫއްޑޫގައި އެ މިހާ ދިރިއުޅޭ ތަން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 66 ގުރާމު ހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހާރިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.

