ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނާ އެއްގޮތަށް ރަނގަޅަށް ނެރެފައިވާ އަމުރެއް ކަމަށް ހައިކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ހުޅުމާލޭގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމަންޓުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މި މަހުގެ ތިންވަނަ ދުވަހު ކޯޓަށް ޙާޟިރުކުރުމުން، 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އަމުރު އިސްތިއުނާފުކުރުމަށް ޝާހިދުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. ކުޑަކުދިންނާ ގުޅުންހުރި މައްސަލައަކަށް ވާތީ، މި މަހުގެ 17 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އިސްތިއުނާފީ އަޑުއެހުންތަކާއި، މިއަދު ބޭއްވި ޙުކުމް އިއްވުމުގެ މަޖިލިސް ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އަޑުއެހުމަށްފަހު ހައިކޯޓުގެ މީޑިއާއިން މަޢުލޫމާތު ދިން ގޮތުގައި، ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.