އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްއިން ބާއްވާ “އެކްސަސައިޒް ޖައްރާފާ” މިއަދު ފަށައިފި އެވެ.
މި އެކްސަސައިޒަކީ، ފަޔަ އެންޑް ރެސްކިޔު ސަރވިސްއިން އަމަލު ކުރަމުން އަންނަ ފަޔަ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވަމުންގެން އަންނަ އެކްސަސައިޒެކެވެ.
އެގޮތުން މި އެކްސަސައިޒް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަ ފައިޓަރުން ހަރަކާތްތެރިވާ އިރު، ފަޔަ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، ފަޔަ އިމަޖެންސީ އޮޕަރޭޝަން ޕްލޭނަށް ފަރިތަކުރުން ހިމެނެއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަަލް އިބްރާހީމް ޙިލްމީ އެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި އެކްސަސައިޒްގެ ތަމްރީނުތައް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށް ދާނެއެވެ.
އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި، މާލޭ ސަރަހައްދުގައި ފަޔަރ ވެހިކަލް، ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެން ބުންޏެވެ.

