"ނަޞްރުގެ ދުވަހުގެ ސިފައިންގެ މަޢުރަޒު" ހއ. ބާރަށުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި މަތިވެރި ޝަހީދު، އަލްމަރުޙޫމް އިބްރާހީމް ޙުސައިންގެ އުފަން ރަށް ކަމަށްވާ ހއ. ބާރަށު ސްކޫލުގައި ބޭއްވި މި މަޢުރަޒު ހުޅުއްވައިދެއްވީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އިސްމާޢީލް ނަޞީރެވެ.

ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މަޢުރަޒަކީ ނޮވެންބަރު 3 ގެ ޢުދުވާނުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އައުކުރުމަށާއި، ދިވެހި އުންމަތަށް ޙައްޤުވި ފަޚުރުވެރި ނަޞްރާއި ކާމިޔާބީ ފާހަގަކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒުގައި އެ ދުވަހުގެ ޢުދުވާނީ ޙަމަލާތައް ފެށުނީއްސުރެ ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ މުހިންމު ހާދިސާތައް ވަގުތުފީތާއެއްގެ ސިފައިގައި ދައްކުވައިދޭ ތާރީޚީ ފޮޓޯތަކާއި ކުރެހުންތަކުގެ އިތުރުން، އަޑާއި މަންޒަރު އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. މީގެ ސަބަބުން ޤައުމުގެ ދިފާޢުގައި ދިވެހި ޢަސްކަރިއްޔާއިންނާއި ރައްޔިތުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާއި ދެއްކެވި ސާބިތުކަން ވަރަށް ފުރިހަމައަށް ސިފަވެގެންދެއެވެ.

ނޮވެންބަރު 20 އިން 21 އަށް ކުރިއަށްދާ މި މަޢުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް ޢާންމުންނަށް ވަނީ ހުޅުވާލާފައެވެ.

މި މަޢުރަޒު ބާރަށުގައި އިންތިޒާމުކުރުމުގައި އެ ރަށު ކައުންސިލުން ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެމްއެންޑީއެފްގެ ފަރާތުން ވަނީ ކައުންސިލަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ. ބާރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމާ މި ފިލާ ޙަވާލުކޮށްދެއްވީ، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.