ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ ރެސިޑެންސީ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން 'މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ' ގެ ނަމުގައި ހިންގާ މި މަޝްރޫޢާ މެދު ރައްޔިތުން ކަންބޮޑުވަނީ މަޢުލޫމާތު ސާފުނުވެ ވާނުވާ ނޭނގޭތީ ކަމަށެވެ. ވެރިންނަށް ކަމެއް ރަނގަޅު ކަމަށް ފެނުނު ނަމަވެސް، ރައްޔިތުންނަށް ސާފުނުވާ ތަޞައްވުރެއް ކާމިޔާބު ނުވާނެކަން ފާހަގަކުރައްވައި، ރައްޔިތުންގެ ރުހުމާއި އަޣުލަބިއްޔަތުގެ ތާއީދު ނެތި ފެންނަ ނުފެންނަ ވޯޓަކާ ނުލައި މި މަޝްރޫޢު ކުރިއަށް ގެންގޮސްފިނަމަ އެއީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢަށް ފެށުނީއްސުރެ ތާއީދުކުރައްވާ ނަޝީދު މިއަދު ވެސް ވިދާޅުވީ ރާއްޖޭގައި ރެސިޑެންސީ ޕްރޮގްރާމްތައް ހިންގުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ދައުލަތުން 'ސޮވަރިން އެގްރީމަންޓެއް' ގައި ސޮއިކޮށްފައި އޮއްވައި އެއްބަސްވުން ބާޠިލުކޮށް އެއްލާލާނެ ކަމަށް ބުނެ ޒިންމާދާރު ސިޔާސީ ފަރާތްތަކުން ވާހަކަދައްކައިގެން ނުވާނެ ކަމަށާއި، އޭގެ ސަބަބުން ދޭދޭ ޤައުމުތަކާ އޮންނަ ގުޅުން ގޯސްވެ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރެސިޑެންޝަލް ޕްރޮގްރާމްތައް ހިންގަން ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ބަޔަކު ކޮންމެހެން ބޭނުން ނުވާ ކަމަށާއި، އައްޑޫ ހުޅުދޫ ކައުންސިލުން ވެސް އެފަދަ މަޝްރޫޢެއް ފާސްކޮށް ދިވެހި ވިޔަފާރިވެރިން އެކަމަށް ތައްޔާރަށް ތިބިކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުގަނައި މި މަޝްރޫއު ކުރިއަށް ގެންދަނީ ނަމަ އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް.

ނަޝީދު ވިދާޅުވި އެވެ.

މި މައްސަލައިގައި އަޑުއުފުލައި ރިފަރެންޑަމަކަށް ގޮވާލުމަށް، މި މަހުގެ 26 ވާ ބުރާސްފަތި ދުވަހު އެމްޑީޕީން އިސްނަގައިގެން މަގުމައްޗަށް ނުކުމެ އިޙްތިޖާޖެއް ކުރަން ނިންމާފައިވާ ކަމަށް ވެސް ނަޝީދު އިޢުލާންކުރެއްވިއެވެ. އަދި އެމްޑީޕީން ކުރަންޖެހޭ އިޙްތިޖާޖެއް ކުރުމަށް އެހެން ބަޔަކާ ޙަވާލު ނުކުރާނެ ކަމަށާއި، އޭގެ އެންމެ ކުރީގައި ތިބޭނީ އެ ޕާޓީގެ މެންބަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލޭގައި ހިންގާ 12 ބިލިއަން ޑޮލަރުގެ މި ރިއަލް އެސްޓޭޓް މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެކަމާ ގުޅޭ ރިއަލް އެސްޓޭޓް ބިލުގައި ދިވެހި ރައްޔިތުންގެ ޙައްޤުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރެވޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.