ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ ޑިސެންބަރު މަހު ބަންގްލަދޭޝްއަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، އެމަނިކުފާނު ބަންގްލަދޭޝްއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 13 އިން 16 ގެ ނިޔަލަށެވެ. ނަމަވެސް މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްޞީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ތާރިޤު ރަޙްމާނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ.
ރައީސް މުޢިއްޒު ވަނީ މީގެ ކުރިން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ބަންގްލަދޭޝްއަށް ވަޑައިގެންފައެވެ. އެއީ އޭރުގެ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް، ތާރިޤު ރަޙްމާން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ވެސް ރައީސް ވަނީ ބޮޑުވަޒީރު ތާރިޤު ރަޙްމާނާ ބައްދަލުކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ އިތުރުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް އަންނަ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހު ދެ ދުވަހުގެ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

