ޖަޕާނުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ފޫޖީއަށް އަރަން އުޅެނިކޮށް ގެއްލިފައިވާ ޗައިނާގެ ޒުވާނެއް ހޯދައިދޭ ފަރާތަކަށް އޭނާގެ އާއިލާއިން ބޮޑު ފައިސާގެ އިނާމެއް ހުށަހެޅުމާ ގުޅިގެން، އެ އިނާމުގެ ބޭނުމުގައި އެކަށީގެންވާ ތައްޔާރީތަކަކާ ނުލައި މީހުން ފަރުބަދައަށް އަރައި އިތުރު ކާރިސާތަކެއް ހިނގާފާނެ ކަމުގެ ކަންބޮޑުވުން ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ފާޅުކޮށްފިއެވެ.
ޗައިނާއާއި ޖަޕާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު މައުންޓް ފޫޖީން ގެއްލުނު އުމުރުން 25 އަހަރުގެ ޗެން ޖީ ދިރިހުއްޓާ ހޯދައިދޭ ފަރާތަކަށް 500،000 ޔުއާން (ގާތްގަނޑަކަށް 75،000 ޑޮލަރު ނުވަތަ 57،300 ޕައުންޑް) އަދި އޭނާގެ ހަށިގަނޑު ހޯދައިދޭ ފަރާތަކަށް 100،000 ޔުއާން ދިނުމަށް އާއިލާއިން ވަނީ އިޢުލާންކޮށްފައެވެ. ޗެން ހޯދުމަށް ލޯކަލް އިދާރާތަކުން ނޮވެމްބަރު 10 ވަނަ ދުވަހު މަސައްކަތް ފެށި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތް އެކި ފަހަރު މަތިން މެދުކަނޑާލަން ޖެހުނުއިރު، އޭނާގެ ބައްޕަ ވަނީ ނޮވެމްބަރު 13 ވަނަ ދުވަހު ޖަޕާނަށް ގޮސްފައެވެ.
ޔަމަނާޝީ ޕޮލިހުން ބުނި ގޮތުގައި، ޗެން އެ ދުވަހު ފަރުބަދައަށް އަރަން ފެށީ އޭނާގެ ދެ ރަހުމަތްތެރިންނާ އެކުގައެވެ. ނަމަވެސް ފަރުބަދަ ބަންދުކޮށްފައިވާކަމާއި، މަގުތަކުގެ ޙާލަތަށް ބަލާއިރު އެކަށީގެންވާ ސާމާނު ނެތްކަން އެނގުމުން އެ ދެ އެކުވެރިން ވަނީ އަނބުރާ ގޮސްފައެވެ. އެހެން ނަމަވެސް ކަނޑުގެ ސަތަހައިން 2،300 މީޓަރު (7،545 ފޫޓު) އުސްމިނުގައިވާ ޔޮޝިޑާ ޓްރެއިލްގެ ފަސްވަނަ ސްޓޭޝަނުން ފެށިގެން ޗެން އެކަނި ދަތުރު ކުރިއަށް ގެންދިޔައިރު، އޭނާގެ ޚަބަރެއް އެންމެ ފަހުން ލިބުނީ އެ ދުވަހުގެ ހެނދުނު 10:30 ހާއިރު "އަހަރެން މިދަނީ ފަރުބަދަމައްޗަށް އަރަމުން... އެއްވެސް މީހަކު ފެންނާކަށް ނެތް" ކަމަށް ބުނެ އެކުވެރިއަކަށް ފޮނުވި ވީޑިއޯ މެސެޖަކުންނެވެ.
މި މައްސަލައާ ގުޅިގެން ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔަމަނާޝީ ޕްރިފެކްޗާގެ ގަވަރުނަރު ކޮތާރޯ ނަގަސާކީ ވިދާޅުވީ، ގެއްލިފައިވާ މީހާ ހޯދުމަށް އާންމުން ފަރުބަދައަށް އެރުމަކީ "ދެވަނަ ކާރިސާއެއް" ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. ޖަޕާނުގެ 'މައިނިޗީ ޝިމްބުން' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާއިލާގެ އިޙްސާސްތައް ދެނެގަނެވޭ ނަމަވެސް އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ގަވަރުނަރު ވަނީ ޗެންގެ އާއިލާއަށް އިލްތިމާސްކުރައްވާފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ ތައްޔާރީތަކެއް ނެތި މީހުން ފަރުބަދައަށް އަރައި އިތުރު އެކްސިޑެންޓުތައް ހިނގާފާނެ ކަމުގެ ބިރު ފާޅުކުރަމުންނެވެ.
އުސްމިނުގައި 3،776 މީޓަރު ހުންނަ މައުންޓް ފޫޖީއަށް އެރުމުގެ ރަސްމީ މޫސުމަކީ ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ސެޕްޓެމްބަރު މަހުގެ ކުރީކޮޅަށެވެ. ޗައިނާ އެމްބަސީން ވެސް އަންގާރަ ދުވަހު ނެރުނު އިންޒާރުގައި ބުނެފައިވަނީ، ފަރުބަދަ ބަންދުކޮށްފައި އޮންނަ މޫސުމުގައި ގަދަ ވަޔާއި ބޯކޮށް ވާރޭވެހުމުގެ އިތުރުން ސްނޯ ތޫފާންތަކުގެ ސަބަބުން ބޮޑެތި ނުރައްކާތައް ކުރިމަތިވާ ކަމަށާއި، އެ ދުވަސްވަރު ހިޔާވަހިކަމާއި ފުރަތަމަ އެހީދޭ މަރުކަޒުތައް ބަންދުކޮށްފައި ހުންނާތީ ރައްކާތެރިވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން، އޮފް-ސީޒަންގައި ފަރުބަދައަށް އަރައި ޙާލުގައި ޖެހޭ މީހުން އިތުރުވަމުންދާތީ ޔަމަނާޝީ ޕްރޮވިންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފައެވެ. އެގޮތުން ފިނި މޫސުމުގައި ފަރުބަދައަށް އެރުމާ މެދު މީހުން އަލުން ވިސްނުމަށް ބާރުއެޅުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ހެލިކޮޕްޓަރުގައި ސަލާމަތްކުރަންޖެހޭ މީހުން އެ ޚިދުމަތަށް ފައިސާ ދައްކަންޖެހޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، އޮފް-ސީޒަންގައި ފަރުބަދައަށް އަރަން ބޭނުންވާ ފަރާތްތަކުން ދަތުރުގެ ތަފްޞީލީ ޕްލޭންތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އޮތޯރިޓީތަކުން ވަނީ ކަނޑައަޅާފައެވެ.

