ގަތަރުގެ ވެރިރަށް ދޯހާގައި މި މަހުގެ 16 އިން 18 އަށް ކުރިއަށްދިޔަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަރޕާ) ގެ 15 ވަނަ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އޮފިޝަލަކު ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން އިސްމާޢީލް ޞަފްޙަތެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ ދަށުން ހިންގާ ގަތަރު ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ބޭއްވި މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޕޮލިސް އެކަޑަމީތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ތަމްރީނު މަރުކަޒުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ފުލުހުންގެ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ތަޖުރިބާ ބަދަލުކުރުމާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމުގެ މަޤްޞަދުގައި ބޭއްވި ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ފުލުހުންގެ ތަޢުލީމާއި ތަމްރީނު ނިޒާމުތައް ޒަމާނީ ކުރުމަށާއި، ތަމްރީނު މަންހަޖުތައް އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ޤާބިލު އޮފިސަރުން ބިނާކުރުމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގެ ތެރެއިން އިންޓަރޕާގެ 15 ވަނަ ޖެނެރަލް އެސެމްބްލީ ބައްދަލުވުމާއި 30 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ވެސް ކުރިއަށް ގޮސްފައިވެއެވެ. މި ބައްދަލުވުންތަކުގައި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ފުލުހުންގެ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

