އެކުވެރި ދައުލަތްތައް (އދ.) ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޝްގެ މަޤާމުގެ ދައުރު ހަމަވުމަށް ދެ މަހަށްވުރެ ކުރު މުއްދަތެއް އޮތްއިރު، އެ ޖަމްޢިއްޔާގެ އާ ވެރިޔަކު އައްޔަނުކުރުމާ ގުޅޭގޮތުން ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ (ޕީ5) މެދުގައި އެއްބަސްވުމަކަށް ނާދެވި، އދ.ގެ އެންމެ އިސް މަޤާމު ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ރިޕޯޓުތައް ބުނާ ގޮތުގައި، ވޯޓުލުމުގެ އަށް ބުރު ކުރިއަށް ގެންދިޔުމަށްފަހު ވެސް، ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ޤައުމު ކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ. އެހެންކަމުން، އަންނަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ގުތަރޭޝް މަޤާމުން ވަކިވެވަޑައިގަންނަވާއިރު އަމަލުކުރާނެ ކުއްލި އިޖުރާއަތުތަކެއް އެކުލަވައިލުމުގެ މަސައްކަތް އދ.ގެ އޮފިޝަލުން މިހާރު ވަނީ އަވަސްކޮށްފައެވެ.
މި މަޤާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ ކޮސްޓަރިކާގެ އިޤްތިޞާދީ މާހިރު ރެބެކާ ގްރިންސްޕަން އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ލާނާ ނުޞައިބާއެވެ. ނަމަވެސް، ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން ދެ ޤައުމަކުން ގްރިންސްޕަންއާ ދެކޮޅު ހަދަމުންދާ ކަމަށް ބެލެވޭއިރު، ސޫދާނުގެ ދާޚިލީ ހަނގުރާމައިގައި ޔޫއޭއީން ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނުޞައިބާއަށް ވެސް ވަނީ ފާޑުކިޔުންތަކާއި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެމެރިކާއާއި ރަޝިޔާގެ ތާއީދު ނުޞައިބާއަށް އޮތް ނަމަވެސް، އެންމެ ފަހުން ބޭއްވި ސްޓްރޯ ޕޯލްތަކުގައި އޭނާއަށް ލިބިވަޑައިގަތީ އެންމެ ހަޔަކާއި ހަތެއްހާ "ހިތްވަރުދޭ" ވޯޓެވެ.
އދ.ގެ ޢާންމު މަޖިލީހަށް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ރެކޮމެންޑް ކުރުމަށްޓަކައި، ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން މަދުވެގެން ނުވަ ވޯޓު ހޯދުމާއެކު ދާއިމީ ފަސް މެންބަރުންގެ ތެރެއިން އެއްވެސް ޤައުމަކުން ވީޓޯ ނުކުރުން ލާޒިމުވެއެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނާއި އިންތިޚާބީ 10 މެންބަރުންގެ ވޯޓު ވަކިން ދެނެގަތުމަށްޓަކައި، ކުލަ ކޯޑްކޮށްފައިވާ ސިއްރު ވޯޓު ކަރުދާސްތަކެއް ބޭނުންކޮށްގެން ޚާއްޞަ ޕޯލެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، 140 ދުވަހަށްވުރެ ގިނަ ދުވަހަށް ދިގުލައިގެން ގޮސްފައިވާ މި މައްސަލަ މިހާ ހިސާބަށް ގޮސްފައިވަނީ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކާއި އެއްބަސްވުމަކަށް އައުމަށް އޮތް ޖާގަ ހަނިވުމުގެ ސަބަބުންނެވެ.
އދ.ގެ އަސާސީ ޤަވާއިދުގައި، މިފަދަ ޙާލަތެއްގައި ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ހުސްވެއްޖެނަމަ އަމަލުކުރާނެ ސާފު އުސޫލެއް ބަޔާންކޮށްފައި ނުވާތީ، ގުތަރޭޝްގެ ދައުރު ވަގުތީގޮތުން ދަންމާލުމާ މެދު ވެސް މިހާރު ދަނީ މަޝްވަރާތައް ކުރެވެމުންނެވެ. ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އައު ސެކްރެޓަރީ ޖެނެރަލަކު ކަނޑަނޭޅިއްޖެނަމަ، އދ.ގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަނުކުރުމާއި، ބަޖެޓާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި އިދާރީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

