ތޭރަ އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށްފަހު ބުރާސްފަތި ދުވަހު ތަޢާރަފުކުރި މަޝްހޫރު ވީޑިއޯ ގޭމް 'ގްރޭންޑް ތެފްޓް އޮޓޯ 6' (ޖީޓީއޭ 6) އަށް ފުރަތަމަ ދުވަހާއި ޕްރީ-އޯޑަރުން 24.5 މިލިއަނަށްވުރެ ގިނަ ޔުނިޓް ވިކި، ގާތްގަނޑަކަށް 2.36 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެނަލިޓިކްސް ކުންފުނި ސެންސާ ޓަވާއިން އާންމުކުރި މި ތަފާސްހިސާބުތަކާއެކު، މިއީ މުނިފޫހިފިލުވުމުގެ ދާއިރާގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެންމެ ބޮޑު ލޯންޗު ކަމަށް ވަނީ ބެލެވިފައެވެ.

ގޭމް އުފެއްދި ކުންފުނި ކަމަށްވާ ރޮކްސްޓާ ގޭމްސްއާއި ބެލެނިވެރި ކުންފުނި ޓޭކް-ޓޫ އިންޓަރެކްޓިވްއިން ވިޔަފާރީގެ ރަސްމީ ތަފާސްހިސާބުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ގޭމަށް ކުރިން ދުވަހަކު ވެސް ނުފެންނަ ފަދަ ބޮޑު ޑިމާންޑެއް ލިބިފައިވާ ކަމަށް އެ ދެ ކުންފުނިން ބުނެއެވެ. ސެންސާ ޓަވާއިން ފާހަގަކުރި ގޮތުގައި ގޭމްގެ ވިޔަފާރީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ ޕްލޭސްޓޭޝަން 5 ކަމަށްވާއިރު، ބާކީ ބައި ހިއްސާކުރަނީ އެކްސްބޮކްސްއެވެ. އަދި މި ގޭމުގެ މަޤްބޫލުކަމުގެ ސަބަބުން އެހެނިހެން ސިންގަލް-ޕްލޭޔަރ ގޭމްތަކަށް ކުޅުންތެރިން ހޭދަކުރާ ވަގުތު 10 އިންސައްތަ ދަށްވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

ގޭމް ލޯންޗުކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންޓަނެޓް ޓްރެފިކަށް ވަނީ އާދަޔާ ޚިލާފު ބޮޑު ބަދަލެއް އައިސްފައެވެ. އިންޓަނެޓް އިންފްރާސްޓްރަކްޗާ ކުންފުނި ކްލައުޑްފްލޭއާއިން ބުނި ގޮތުގައި، ޕީއެސް5 ގެ ޑައުންލޯޑްތައް އިނގިރޭސިވިލާތުގައި އާންމު މިންވަރަށްވުރެ 8.6 ގުނަ އިތުރުވެފައިވާއިރު، ގޭމް އެންމެ ފުރަތަމަ ރިލީޒްކުރި ނިއުޒީލެންޑުގައި 14.8 ގުނަ އިތުރުވިއެވެ. މީގެ އިތުރުން ރޮކްސްޓާގެ އޮންލައިން ޚިދުމަތްތަކަށް އޮސްޓްރޭލިއާގައި 11.2 ގުނަ އަދި އެމެރިކާގެ އިރުމަތީ އައްސޭރީގައި 9.3 ގުނަ ޓްރެފިކް އިތުރުވެ، 212 ޖީބީގެ މި ބޮޑު ފައިލް ޑައުންލޯޑް ކުރުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ވާޖިން މީޑިއާ އޯ2 ގެ ރޭގަނޑުގެ އިންޓަނެޓް ޓްރެފިކް ރެކޯޑު ވެސް ވަނީ މުގުރާލާފައެވެ.

ގޭމިން މާކެޓް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ނިކޯ ޕާޓްނާސްއިން އަންދާޒާކުރާ ގޮތުގައި، މި އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖީޓީއޭ 6 އަށް 3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެއެވެ. މިއީ މިއަހަރު ސިނަމާތަކުގައި އެޅުވި އެންމެ ކާމިޔާބު ފިލްމު ކަމަށްވާ 'ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ' އަށް މުޅި މުއްދަތުގައި ލިބުނު 2.5 ބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. އެހެންނަމަވެސް، އިންފްލޭޝަނަށް ބަލާއިރު 4.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ 1939 ވަނަ އަހަރުގެ ފިލްމު 'ގޯން ވިތު ދަ ވިންޑް' އާ ހަމައަށް ވާސިލުވުމަށް އަދި އިތުރު އާމްދަނީ ބޭނުންވާނެ ކަމަށް ނިކޯ ޕާޓްނާސްއިން ބުނެއެވެ.

އެމެރިކާގެ ފްލޮރިޑާ އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ 'ލިއޮނިޑާ' ސްޓޭޓުގައި ކުށްވެރިންގެ ޖޯޑެއް ކަމަށްވާ ލޫސިއާ އާއި ޖޭސަންގެ ދިރިއުޅުން ދައްކުވައިދޭ މި ގޭމް އުފެއްދުމަށް އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ޚަރަދުވެފައިވާ ކަމަށް ލަފާކުރެވޭއިރު، މިއީ ތާރީޚުގައި ވެސް އުފެއްދި އެންމެ އަގުބޮޑު ވީޑިއޯ ގޭމެވެ. އައިޖީއެން ފަދަ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން މި ގޭމަށް ފުރިހަމަ ރިވިއުތަކެއް ދީފައިވާއިރު، ގޭމުގައި ހިމެނޭ ބައެއް މަންޒަރުތަކުގެ ސަބަބުން ޖަޕާނުގައި ބައެއް ބައިތައް ވަނީ ސެންސަރުކޮށްފައެވެ. އަދި ކުރީގެ ބައިތަކެކޭ އެއްފަދައިން ޗައިނާގައި މި ގޭމް ވިއްކުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

ގިނަ ކުޅުންތެރިންތަކެއް ރޭގަނޑު ހޭލާ ތިބެ އަދި ވަޒީފާއިން ޗުއްޓީ ނަގައިގެން މި ގޭމް ކުޅެމުންދާއިރު، ކޮމްޕިއުޓަރުތަކަށް (ޕީސީ) މި ގޭމް ނެރޭނެ ތާރީޚަކާއި އޮންލައިން މަލްޓިޕްލޭޔާ ބައި ނެރޭނެ ވަކި ތާރީޚެއް ރޮކްސްޓާއިން އަދި އިޢުލާންކޮށްފައެއް ނުވެއެވެ.