ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ ސްލޭމް ސްޓޫޑިއޯ، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރުވާ ފިލްމު "ކީއްވެ؟" ގެ އޯޑިއޯ އަލްބަމް ރަސްމީކޮށް ރިލީޒްކޮށްފިއެވެ.
ޖުމްލަ ފަސް ލަވަ ހިމެނޭ މި އަލްބަމްގައި ހިމެނެނީ ޕްރޮމޯ ސޯންގް "ކީވޭ" އާއި، ތީމް ސޯންގް "ކީވޭ ހޭ" ގެ އިތުރުން "ފިދާ"، "ލޮލުން ތިޔަ ބަލާ" އަދި "ގުޅުމޭ އާއިލީ" އެވެ.
މި ލަވަތައް ސްޕޮޓިފައި، އެޕަލް މިއުޒިކް، ސައުންޑްކްލައުޑް އަދި ޔޫޓިއުބް ފަދަ މައިގަނޑު މިއުޒިކް ޕްލެޓްފޯމްތަކުން މިހާރު އަޑުއަހާލެވޭނެއެވެ.
އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކުގެ އިތުރުން ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލައިގެން ތައްޔާރުކޮށްފައިވާ މި ފިލްމަކީ ގިނަ ގޮތްގޮތުން ޚާއްޞަ ފިލްމެކެވެ. އެގޮތުން 25 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެނިގެންދާއިރު، 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފް ޑައިރެކްޝަނަށް އެނބުރި އައުމަކީ މި ފިލްމަށް އޮތް ޝައުގުވެރިކަން އިތުރުވެގެންދިޔަ ކަމެކެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.
ދެ ގަޑިއިރާއި 15 މިނެޓުގެ މި ޑްރާމާ ފިލްމު ކުލަގަދަ ހަފްލާއަކާއެކު ރަސްމީކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު ޓިކެޓަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އުފުލިފައިވާއިރު، އޮލިމްޕަސް ޓިކެޓް ކައުންޓަރުންނާއި saturnstudio.mv/booking ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ގަތުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

