ނެޓްފްލިކްސްގެ މަޤްބޫލު ކޮމެޑީ ޑްރާމާ ސީރީޒް "އެމިލީ އިން ޕެރިސް" ނިމުމަކަށް އަންނަކަން އިއުލާންކޮށް، އެންމެ ފަހު ސީޒަން ދައްކަން ފަށާނީ އަންނަ ޑިސެމްބަރ 24 ގައި ކަމަށް ނެޓްފްލިކްސްއިން ހާމަ ކޮށްފި އެވެ.

އެ ޝޯގެ ހަވަނަ އަދި އެންމެ ފަހު ސީޒަންގެ އޮފިޝަލް ޓީޒާ ނޮވެމްބަރު 11 ވީ ބުދަ ދުވަހު ނެޓްފްލިކްސްއިން އާންމުކޮށްފަ އެވެ.

2020 ވަނަ އަހަރު ދައްކަން ފެށި މި ޝޯގެ މުހިންމު ފްލެޝްބެކްތަކާއެކު ދައްކާލި މި ޓީޒާގައި، ލިލީ ކޮލިންސް ކުޅޭ އެމިލީ ކޫޕާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ މިންޑީ ޗެން (އޭޝްލީ ޕާކް) ގެ ވާހަކަ ޝައުގުވެރި ގޮތަކަށް ނިންމާލާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ.

އެންމެ ފަހު ސީޒަންގެ ވާހަކަ ބިނާވެފައިވަނީ އެމިލީގެ ހަޔާތުގެ އާ ޒަމާނަކަށެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ވަޒީފާގެ ގޮންޖެހުންތަކާއި، ބަދަލުވަމުންދާ ލޯބީގެ ގުޅުންތަކުގެ ސަބަބުން އޭނާގެ ހަގީގީ މުސްތަގުބަލު އޮތީ ކޮންތާކުތޯ ސުވާލު އުފެދެއެވެ. މި ސީޒަނުގައި އެމިލީއަށް އޭނާގެ ކެރިއަރާއި، ހިތުގެ އެދުމާއި، އަދި ޕެރިހުގައި ބިނާކުރި ދިރިއުޅުމާ ދެމެދު އެންމެ ފަހުގެ ނިންމުން ނިންމަން ޖެހޭނެއެވެ. ޓީޒާގައި އެމިލީ ފާހަގަކުރާ ގޮތުގައި، ޕެރިހަށް އޭނާ ދިޔައީ ކުޑަ ދުވަސްކޮޅަކަށް މަޖާކޮށްލުމަށެވެ. ނަމަވެސް، "މިއީ މިހާރު ހަމައެކަނި ގައުމުން ބޭރުގައި ހޭދަކުރާ މަޖާ އަހަރެއް ނޫން، މިއީ މިހާރުގެ ދިރިއުޅުން" ކަމަށް ބުނެ މިންޑީ އޭނާއަށް ހަނދާންކޮށްދެއެވެ.

ޓީޒާގައި ސިލްވީ (ފިލިޕީންސް ލެރޯއީ-ބިއުލިއޯ) ގެ ފަރާތުން ލޯބިވުމަށާއި ގޯސްތައް ހެދުމަށް ޖެހިލުންނުވުމަށް ދޭ ނަސޭހަތްތައް ފެންނައިރު، އެމިލީ އާއި މިންޑީ އެންމެ ފަހު ވާހަކައަށް ޓޯސްޓްކޮށް، މި ދަތުރު ވަރަށް ފުރިހަމައަށް ނިންމާލާނެ ކަމަށް ބުނެއެވެ. މީގެ އިތުރުން، އެމިލީ އާއި މިންޑީ ގްރީސްއަށް ކުރާ ދަތުރެއްގެ މަންޒަރުތަކާއި، އެ ދަތުރުގައި ގެބްރިއަލް (ލޫކަސް ބްރާވޯ) އާ ބައްދަލުވާ މަންޒަރުވެސް ޓީޒާއިން ފެނެއެވެ.

ފަސްވަނަ ސީޒަން ނިމުނުއިރު އެމިލީ އޭނާގެ އިޓަލީގެ ލޯބިވެރިޔާ މާސެލޯއާއެކު ރޯމަށް ބަދަލުވެފައިވާއިރު، މި ފަހު ސީޒަނުގައި އަލްފީ (ލޫސިއަން ލެވިސްކައުންޓް)، ޕްރިންސެސް ޖޭން (މިނީ ޑްރައިވަރ)، ލޫކް، ޖޫލިއަން އަދި އެންޓޮއިން ފަދަ ބެލުންތެރިންގެ މެދުގައި މަޤްބޫލު ގިނަ ތަރިން އަލުން ފެނިގެންދާނެއެވެ.