އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންގެ ވަކި ޚާއްޞަ ރުހުމަކާ ނުލައި، ފޭސްބުކް އެޕް މެދުވެރިކޮށް ފޯނުގެ ފޮޓޯތަކާއި ވީޑިއޯތަކަށް ވަންނަ މައްސަލައިގައި އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން މެޓާ ކުންފުނި 805 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 887 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ. ހޮނިހިރު ދުވަހު އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނާއެކު، ހޯމަ ދުވަހުގެ ވިޔަފާރީގައި މެޓާގެ ހިއްސާގެ އަގު ވަނީ 2.7 އިންސައްތަ ދަށަށް ގޮސްފައެވެ.
އިޓަލީގެ ރެގިއުލޭޓަރުން ހާމަކުރި ގޮތުގައި، މި މައްސަލަ ފެންމަތިވީ 2023 ވަނަ އަހަރު ތަޢާރަފުކުރި ފޭސްބުކްގެ 'ގެލެރީ ސަޖެޝަން' ފީޗާއަކާ ގުޅިގެންނެވެ. މި ފީޗާގެ ސަބަބުން ބޭނުންކުރާ މީހާގެ ފޯނުގެ ގެލެރީގައި ހުރި ފޮޓޯތައް ބަލައި، ޕޯސްޓުކުރުމަށް އިރުޝާދު ދެއެވެ. ނަމަވެސް މި ފީޗާ ޑިފޯލްޓްކޮށް އޮންކޮށްފައި ހުރުމާއި، އެޕްލިކޭޝަންގެ އާންމު ފުޅާ ހުއްދައިގެ ދަށުން އެކަން ކުރުމުގެ ސަބަބުން ވަކިވަކި ފޮޓޯތަކަށް ވަނުމަށް ޔޫޒަރުންގެ ސާފު ހުއްދައެއް ހޯދާފައި ނުވާކަން ތަހުގީގުން ވަނީ އެނގިފައެވެ. މިކަމުގެ ސަބަބުން އިޓަލީގައި އެންޑްރޮއިޑް ބޭނުންކުރާ ގާތްގަނޑަކަށް 20 މިލިއަން މީހުންގެ ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް ލަފާކުރެވެއެވެ.
މި ނިންމުމާއެކު އިޓަލީގެ އޮތޯރިޓީން ވަނީ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ޑިފޯލްޓްކޮށް އެ ފީޗާ ނިއްވާލުމަށާއި، ބޭނުންކުރާ މީހުންގެ ވަކި ރުހުން ހޯދުމަށް މެޓާއަށް އަންގާފައެވެ. އަދި މި ނިންމުމަށް ޢަމަލުކުރާނެ ގޮތުގެ ތަފްޞީލު 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް ވަނީ އަމުރުކޮށްފައެވެ. ޖޫރިމަނާގެ އަދަދު ކަނޑައެޅުމުގައި، މިކަމުގެ އަސަރުކުރި ޔޫޒަރުންގެ އަދަދާއި، އެ އުސޫލު ދެމިއޮތް މުއްދަތުގެ އިތުރުން ތަހުގީގަށް މެޓާއިން ދިން އެއްބާރުލުމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް އޮތޯރިޓީން ބުންޏެވެ.
މި ނިންމުމާ ގުޅިގެން މެޓާއިން ބުނީ، އިޓަލީގެ އިދާރާގެ ނިންމުމާ އެއްބަސްނުވާ ކަމަށާއި، ކަނޑައެޅި ޖޫރިމަނާގެ އަދަދު ބޮޑުކަމަށް ގަބޫލުކުރާތީ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. މިއީ ފޮޓޯ ހިއްސާކުރުމަށް އެހީތެރިވެދޭ އާދައިގެ ފީޗާއެއް ކަމަށާއި، ޑިވައިސް އެކްސެސްއަށް ރުހުން ދޭންޖެހޭނެ ކަމަށާއި ސެޓިންގްސް މެދުވެރިކޮށް އެ ހުއްދަ ބަދަލުކުރެވޭނެ ކަމަށް މެޓާއިން ވަނީ ބުނެފައެވެ. އިޓަލީން ކުރި މި ޖޫރިމަނާއަކީ މެޓާ ކުންފުނީގެ ދުނިޔޭގެ އާމްދަނީގެ ގާތްގަނޑަކަށް 0.47 ޕަސެންޓެވެ.
މެޓާ އަކީ އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެކެވެ. ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ އަދި މެސެޖިންގ އެޕްތައް ހިންގަނީ މި ކުންފުނީގެ ދަށުންނެވެ. އޭގެ ތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ވަޓްއެޕް މެސެންޖަރ އަދި ތްރެޑްސް ހިމެނެއެވެ.

