ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ރޯދަމަހާ ގުޅިގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ (އެސްޓީއޯ) އިން ކުރިއަށްގެންދާ ޚާއްޞަ ޕްރޮމޯޝަން، "އެސްޓީއޯ ރަމަޒާން ބާޒާރު 2027" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮމޯޝަން ފެށުމަށް މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރު ޙުސައިން ޝާމް އާދަމްއެވެ. މިއަދުން ފެށިގެން އަންނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން، މާލެއާއި ހުޅުމާލޭގެ އިތުރުން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް ކުރިއަށްދާނެއެވެ.
މި އަހަރުގެ ޕްރޮމޯޝަންގެ ދަށުން، ޚާއްޞަކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ 2 ހަފްތާއަކު، 500ރ އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން، ނަސީބުވެރި 2 ފަރާތަކަށް 2500ރ ގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. މީގެއިތުރުން، 5000ރ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ޚާއްޞަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމައެއާއެކު، މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި، 100،000ރ ގެ ފައިސާގެ އިނާމެއްވަނީ ކަނޑައެޅިފައެވެ. އެގޮތުން، ޕްރޮމޯޝާން ނިމުމާއެކު ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި 1 ފަރާތަކަށް، މި 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
އެސްޓިއޯ ރަމަޒާން ބާޒާރާއި އެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ތައްޔާރުވަމުން ދިޔަ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. ކޮފީ ބީންސް އެންޑް ޓީލީވްސްއަކީ ގިނަ ބައެއްގެ މެދުގައި މަޤުބޫލު، ގިނަ ބައެއްގެ ތަރުޙީބު ލިބެމުން އަންނަ ފްރެންޗައިޒެކެވެ. މި ފްރެންޗައިޒްގެ އެންމެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވާފައިވާއިރު، މިއީ މާލޭގައި ހުޅުވުނު މި ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓެވެ. މީގެއިތުރުން، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ މާހައުލެއް ޤާއިމްކުރުމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް ފުޅާކޮށް، މި ސަރަހައްދުވެސް އާއްމުންނަށް ވަނީ ހުޅުވާލެވިފައެވެ.
އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުޙީބު ލިބެމުންދެއެވެ.

