އީރާނުން ގެންގުޅެމުންދިޔަ ހަމައެކަނި ދިފާއީ އަސްކަރީ އުސޫލު މުޅިން ބަދަލުކޮށް، އެ ގައުމަށް ނުރައްކާކުރާ ކޮންމެ ބަޔަކަށް އިސްވެ ހަމަލާދީ އެ ގައުމަކަށް އަރައިގަންނާނެ ކަމަށް އެގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) ގެ ތަރުޖަމާނު ހުސައިން މުހިއްބީ އިއުލާނުކުރައްވައިފިއެވެ.
ސްޓޫޑެންޓް ނިއުސް ނެޓްވޯކް (އެސްއެންއެން) އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، ކުރިން އޮތް ރައްދު ހަމަލާ ދިނުމުގެ ސިޔާސަތު ދޫކޮށްލައި، މިހާރު އީރާނުގެ މިސްރާބު ހުރީ ދުޝްމަނުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ފަދަ "އެއް ހަމައެއް ނެތް" (އެސިމެޓްރިކް) ހަނގުރާމައެއްގެ އުކުޅުތަކަށް ކަމަށެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރިމަތިވެދާނެ ކޮންމެ އަސްކަރީ ނުރައްކަލެއް މޫލުން އުކާލައި، ދާއިމީ ހުރަހެއް ގާއިމުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އައު ސިޔާސަތާއެކު އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދެމުން މުހިއްބީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގައި އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާނެ އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން އެމެރިކާގެ ކުރިއަށް އޮތް މިޑްޓާމް އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މި ބަޔާންތަކާ ގުޅިގެން މަސްރަހު ހޫނުވެފައިވަނިކޮށް، ގަވާއިދާ ހިލާފަށް ތެޔޮ ބަދަލުކުރަން އުޅުނު ހަތަރު އުޅަނދެއްގައި އައިއާރުޖީސީގެ ކަނޑުގެ ސިފައިން ވަނީ ރޯކޮށްލާފައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން އިތުރު ތިން އުޅަނދަކަށް ގެއްލުންދީފައިވާއިރު، އެމެރިކާގެ އަސްކަރީ ހަރަކާތްތައް މި ސަރަހައްދުގައި ހުއްޓާނުލައިފިނަމަ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ސީދާ ހަމަލާދޭނެ ކަމުގެ ބިރުވެސް އީރާނުން ވަނީ ދައްކާފައެވެ.
އީރާނުގެ ރަސްމީ މީޑިއާއާ ވާހަކަދެއްކެވި ސަލާމަތީ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ގައުމާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކަށް ނުވަތަ މަރާލާ ކޮންމެ މީހަކަށް، އެއްވެސް ހިފެހެއްޓުމެއް ނެތް ފުރިހަމަ ރައްދެއް ދިނުމަށް އީރާން އޮތީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވެފައެވެ. އީރާނަށް ހަމަލާދޭ ފަރާތްތަކުގެ އިތުރުން އެމީހުންނަށް ވާގިވެރިވާ ސަރަހައްދީ ގައުމުތަކުގެ މުދަލާއި މަސްލަހަތުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ބުނެ އީރާނުން މިފަދަ ހަރުކަށި ބަޔާންތަކެއް ނެރެފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އެ ގައުމަށް ހަމަލާދީފާނެ ކަމުގެ ރިޕޯޓުތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

