ސައުދީ އަރަބިއްޔާގެ ދެ ބައިނަލްއަގުވާމީ އެއާޕޯޓަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން މި ހަމަލާތަކަކީ އެ ގައުމުގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަމަށް ބަލައިގަނެވޭނެ ފަދައެއް ނެތް ގޮތަކަށް އަރައިގަތުން ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސުލްހަމަސަލާސްކަމާއި ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ.

ޖުމްލަ 3 މީހުން މަރުވެ 36 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު މި ހާދިސާގައި، ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރުން ވަނީ ފުން ތައުޒިޔާއެއް ފޮނުވާފައެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ އޮންނާނެ ކަމަށެވެ. އަދި އަމިއްލަ ސިޔާދަތާއި ރައްކާތެރިކަން ދިފާއުކުރުމަށް ސައުދީން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ އަލުން އާކޮށްފައެވެ.