އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތް ގޮތަށް ޕާސްޕޯޓުގެ ޚިދުމަތްތައް ކުރިއެކޭ އެއްގޮތަށް އާންމު ހާލަތަށް ބަދަލުވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި މި ހަފުތާ ބަންދުގެ ތެރޭގައި ޕާސްޕޯޓުގެ އައު ސްޓޮކް ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކާއެކުވެސް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށާއި ކިޔަވަންދާ ފަރާތްތަކަށް އިސްކަންދީގެން ޚިދުމަތް ދެމުން އައިސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އިމިގްރޭޝަނުގެ 39 ލޮކޭޝަނުން "ނޯމަލް އޮޕަރޭޝަން" ފަށާނެއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ޕާސްޕޯޓެއް ދޫކުރަން މަހެއްހާ ދުވަސް ނެގި ނަމަވެސް، ރާއްޖޭގައި އާންމު ހާލަތަށް ބަދަލުވުމުން 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓު ހަދައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ޕާސްޕޯޓު ދޫކުރުން މަޑުޖެހުމުގެ ސަބަބުން މިހާރު 2,646 ޕާސްޕޯޓުގެ ބެކްލޮގެއް އެބައޮތެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 350 އެޕްލިކޭޝަން ހުށަހަޅަމުންދާއިރު، މިހާރު އޮތް ބެކްލޮގް ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އެއްކޮށް ކްލިއާ ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބެކްލޮގް އަވަހަށް ކްލިއާ ކުރުމަށްޓަކައި އިމިގްރޭޝަނުން ޚިދުމަތްދޭ ވަގުތު އިތުރުކޮށް، އޮފީސް ހުޅުވާފައި ހުންނަ ވަގުތާއި ޕްރިންޓިން ކެޕޭސިޓީ މަތިކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

