ބްރެސްޓް ކެންސާ އެވެއާނެސް ސިންޕޯސިއަމް މިއަދު ފަށައިފި އެވެ.

މި ސިންޕޯސިއަމް ކުރިއަށް ގެންދަނީ އެއް ދުވަހުގެ ނިޔަލަށް މާލޭގެ ހޮޓެލް ޖެންގަ އެވެ. ސިންޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ފަސްޓްލޭޑީ ޝާޖިދާ މުހައްމަދެވެ.

މިއަހަރުގެ މި ސިންޕޯސިއަމްގެ ތީމަކީ "ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ، ލާން އޮޕްޓިމައިޒް އެޑްވާންސް" އެވެ.ސިންޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އައިޖީއެމްއެޗުގެ ސީނިއަ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް ޑރ. ބަސްމާ އިބްރާހިމް ސާބިރު ވިދާޅުވީ، މިއީ ވަރަށް މުހިންމު ސިންޕޯސިއަމެއް ކަމަށާއި އެހެން އަހަރުތަކުގެ ސިންޕޯސިއަމާ މި މިއަހަރުގެ ސިންޕޯސިއަމް ތަފާތު ކަމަށެވެ. ސަބަބަކީ، މި އަހަރުގެ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްޕީކަރުން މީގައި ބައިވެރިވުމެވެ.

އެގޮތުން ސިންޕޯސިއަމްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން 16 ސްޕީކަރުން ބައިވެރިވެ އެވެ. މި ހުރިހާ ބައިވެރިންނާއިއެކު އުރަމަތީގެ ކެންސަރުގެ ބަލި ފެންނަ ހިސާބުން ފެށިގެން ބަލި މީހާއަށް ފަރުވާދޭ ހުރިހާ މަރުހަލާއަކާއި ގުޅޭ މައުލޫމާތުތައް ސިންޕޯސިއަމްގެ ތެރެއިން ހިއްސާ ކުރާނެ އެވެ.

ސިމްޕޯޒިއަމްގެ މައިގަނޑު ބޭނުމަކީ، އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އުފައްދައި، ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. ޑަބްލިއުއެޗްއޯގެ ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ވެސް ކެންސަރު ބަލީގެ ސަބަބުންނެވެ.

މި އަހަރަކީ ރާއްޖޭގައި ބްރެސްޓް ކެންސާ އެވެއާނެސް ސިންޕޯސިއަމް ބާއްވާ 7 ވަނަ އަހަރެވެ.