ދެ ސިޓީގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި މާލެ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމުގެ ތާރީޚީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މާލޭގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އާދަމް އާޒިމްއެވެ. އަދި ތިނަދޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރު ސަޢުދު އަލީއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިއީ ދެ ސިޓީ ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ދިރާސާކުރުމަށާއި، ދެ ސިޓީ އިތުރަށް ޕްރޮމޯޓުކޮށް ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ދެ ކައުންސިލްގެ ހިންގުން ހަރުދަނާކުރުމާއި، މުވައްޒިފުންނަށް ކުރިއެރުން ހޯދައިދިނުމުގެ އިތުރުން ދެ ސިޓީގެ މެދުގައި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް ކުރިއެރުވުމަށް މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ސިޓީ ކައުންސިލްތަކާއެކު ވެސް މިފަދަ ގުޅުންތައް ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު އަލީ ވިދާޅުވި ގޮތުގައި، ކުރީގެ "ހަވަރު ތިނަދޫ" އަކީ ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު ވިޔަފާރި ހަބަށް ވާއިރު، މާލެ ސިޓީއާއެކު މިއަދު ވެވުނު އެއްބަސްވުމަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ނުހަނު ތާރީޚީ ފިޔަވަޅެކެވެ. އަދި މި ގުޅުމުގެ ސަބަބުން ދެ ސިޓީގެ ކައުންސިލްތަކަށާއި ރައްޔިތުންނަށް ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ސަޢުދު ވިދާޅުވިއެވެ.

