މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހިންގި ޖިނާއީ ތަހުގީގުގައި އެއްވެސް ކުށެއްގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ފުލުހުން ފައިލްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގަށް އެއްކުރި ހެއްކާއި ގަރީނާތައް ދިރާސާކުރިއިރު ޖިނާއީ ކުށެއް ސާބިތުވާ ފަދަ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވެސް މި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވާތީ، ތަހުގީގު ރަސްމީކޮށް ނިންމާލާފައިވާ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.
ޕީޖީ އޮފީހުން މަހާޒަށް ދީފައިވާ ޖަވާބުގައި ބުނެފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އޮފީހަށް މި މައްސަލަ ފޮނުވުމުން މައްސަލަ ދިރާސާކުރުމަށްފަހު، ޕްރޮސިކިއުޝަން މަރުހަލާއިން މައްސަލަ ކުރިއަށް ނުގެންގޮސް "ޑިކްލައިން" ކުރަން ނިންމައި އެކަން ހިއްސާކޮށްފައިވާނެ ކަމަށެވެ.
މިއީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދަށް އަމާޒުކޮށް ފެށި ތަހުގީގެކެވެ. މީގެ ތެރެއިން ޑރ. އަޒްމިރާލްދާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގައި ވެސް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން ފުލުހުންނާއި ޕީޖީން ވަނީ މީގެ ކުރިން އެ މައްސަލަ ވެސް ފައިލްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މި ފަނޑިޔާރުން ބައްލަވަމުން ގެންދަވަނިކޮށެވެ. އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިނގަމުންދާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް އެންގުމުން، ޖޭއެސްސީން ވަނީ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ.
އޭގެ ފަހުން ފަނޑިޔާރު ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، ޑރ. އަޒްމިރާލްދާއާއި މަހާޒު ވަނީ މަޖިލީހުން ފާސްކޮށްގެން މަގާމުން ވަކިކޮށްފައެވެ. ފަނޑިޔާރުންނަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ މަގާމުން ވަކިކުރުމުން ގާނޫނީ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި މިއީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ހިންގި ކަމެއް ކަމަށް އޭރު ފަނޑިޔާރުން ތުހުމަތު ކުރެއްވި ނަމަވެސް، ސަރުކާރުން އެކަން ދޮގުކުރެއެވެ.

