ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގަން ސަރުކާރުން ހަވާލުކުރި ޔޫއޭއީގެ ކުންފުނި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އައްލަބާރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ މަޝްރޫއު ފެށުމުގެ ކުރިން ސަރުކާރާއެކު ކުރަންޖެހޭ އިތުރު މަޝްވަރާތަކާއި، ވާންޖެހޭ ތައްޔާރީތައް ނިންމުމަށް ކުރައްވާ ރަސްމީ ދަތުރެކެވެ.

ސަރުކާރުގެ ބޮޑު އުންމީދެއް އޮތް މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" އަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއްކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ އަހަރު އެކަނިވެސް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަންނާނެއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު 2 ބިލިއަން ޑޮލަރު އިގްތިސާދުގެ ތެރެއަށް ވަދެގެންދާއިރު، ދައުލަތަށް ސީދާ އާމްދަނީގެ ގޮތުގައި 11 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިގެންދާނެއެވެ. މީގެ އިތުރުން މުޅިން އަލަށް 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް ސަރުކާރުން ލަފާކުރެއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހިންގާ ކަންކަމުގައި ރައްޔިތުންނަށް ސާފުނުވާ އަދި ނޭނގޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މި ސަބަބާ ހުރެ، ގައުމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އެއްބަސްވުން ވަގުތުން އުވާލުމަށް އިދިކޮޅު ޕާޓީތަކުން ދަނީ ސަރުކާރަށް ބާރުއަޅަމުންނެވެ.