ވިލިމާލޭގައި ފުލުހުންގެ އެންޓި ނާކޮޓިކްސް ޑިޕާޓްމަންޓުން މިއަދު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ދިވެހި ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަތް މީހުންގެ ތެރޭގައި ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތިން ފަންނާނުން ހިމެނެއެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފިލްމީ ތަރިންނަކީ މަޝްހޫރު އެކްޓަރު އަހްމަދު އަޒްމީލް (އަޒޭ) އާއި، މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އިސްމާއިލް ޖުމައިހް އެވެ. މީގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އަޒޭގެ ކޮއްކޮއެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަތަރު މީހުން ހައްޔަރުކުރުމަށްފަހު، އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ ބޮޑު ރޭޑެއް މިހާރުވެސް ވިލިމާލޭގައި ކުރިއަށްދާ ކަމަށެވެ.

މި މައްސަލައަކީ ތަޙުޤީޤު ކުރިއަށްދާ މައްސަލައަކަށް ވާތީ، އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މިކަމާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ފަހުން ރަސްމީކޮށް ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.