ކަސްރަތަށްދާ އަންހެނަކަށް ތިން މަސް ވަންދެން އެކި ފަހަރުމަތިން ފުރައްސާރަކުރި ކަމަށް ބަލާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:00 އެހައިކަންހާއިރުއެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާއިރު، އެ އަންހެން މީހާއަށް ފުރައްސާރަކުރާ ކަމަށް ބުނާ ފިރިހެން މީހާއާ ސުވާލުކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާ (ޓިކްޓޮކް) ގައި އާންމުވެފައެވެ. ސިނަމާލެ ބްރިޖުމަތީގައި ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، ފުރައްސާރަކުރި ކަމަށް ބުނާ ފިރިހެން މީހާ ދުވަމުންދިޔައިރު އަންހެން މީހާ ދިޔައީ އޭނާގެ ފަހަތުން ގޮސް ސުވާލުކުރަމުންނެވެ. އަދި އަންހެން މީހާ ފުލުހަށް ރިޕޯޓުކުރާނެ ކަމަށް ބުނުމުން، އެ ފިރިހެން މީހާ މާފަށް އެދި ބާރަށް ދުއްވައިގަންނަތަން ވީޑިއޯއިން ފެނެއެވެ.

އެ ވީޑިއޯގައި އަންހެން މީހާ ބުނެފައިވާ ގޮތުން، އޭނާ ސައިކަލު ޕާކުކުރާ ތަންވެސް އެ ފިރިހެން މީހާ ބަލާކަމަށާއި، މި ފުރައްސާރައަށް ތިން މަސްވަރު ވެދާނެއެވެ. އަދި އެ ފިރިހެންމީހާގެ އުނދަގުލާ ހެދި ބްރިޖުމަތީގައި ހަމަޖެހިލައިގެން ހިނގާލެވޭވަރު ވެސް ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.