ހެޔޮވެރިކަމެއްގެ ޙަޤީޤީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތަކުގެ ވަރުގަދަކަން ނޫންކަމަށާއި، އެއީ ރައްޔިތުންގެ ދިރިއުޅުމަށް އެ މުއައްސަސާތަކުން ގެނެސްދޭ ހެޔޮ ބަދަލުތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޓެންޒޭނިއާގެ އަރުޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 153 ވަނަ އެސެމްބްލީގައި ތަގުރީރުކުރައްވަމުންނެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ހެޔޮވެރިކަމެއްގެ ޙަޤީޤީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތަކުގެ ވަރުގަދަކަން ނޫންކަމަށާއި، އެއީ ރައްޔިތުންގެ ދިރިއުޅުމަށް އެ މުއައްސަސާތަކުން ގެނެސްދޭ ހެޔޮ ބަދަލުތައް ކަމަށެވެ. އަދި، ޤާނޫނު ހަދާ މަޖިލިސްތަކަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ، ޝާމިލު، ރައްޔިތުންގެ އަޑުއަހާ، އަދި ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށާއި، ރައްޔިތުންގެ އިތުބާރު ގާއިމުކުރުމުގައި ދެފުށް ފެންނަ މިންވަރާއި ޖަވާބުދާރީވުން އިތުރުކުރުމަށާއި، މުޖުތަމަޢުތައް ބާރުވެރިކުރުމުގައި މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތުތަކާއި ބައިވެރިވުން އިތުރުކުރުމަށް ގޮވާލެއްވި އެވެ.
އަދި، ހެޔޮވެރިކަން ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އަދި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށްޓަކައި، އައި.ޕީ.ޔޫ މެދުވެރިކޮށް އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވި އެވެ.
މީގެއިތުރުން، ވެރިކަން ހިންގުމާއި މަޖިލިސްތަކުގެ ނިންމުންތައް ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ އަދި ނަތީޖާ ނެރެވޭ ކަންކަމަށް ވާންޖެހޭނެ ކަމަށް ވިދާޅުވަމުން، ސިޔާސަތުތަކާއި ޤާނޫނުތަކުގެ އަގު ވަޒަންކުރެވެންވާނީ ރައްޔިތުންނަށް އެއިން ލިބިދޭ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެ އިތުބާރު ބިނާވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަމާއި އަދި ނެރެވޭ ނަތީޖާގެ މައްޗަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި، ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ދައުރުގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

