މާލޭ މަޖީދީމަގުގައި ހުންނަ "ޒިއޯން މޯބައިލް-4" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، ގިނަ އަދަދެއްގެ މޮބައިލް ފޯނު ވަގަށް ނެގި މައްސަލައިގައި ކުށް ސާބިތުވި މީހަކު ދެ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި ހުކުމް އައީ ހއ. މާރަންދޫ، ފިނިރޯޅި، އަޙްމަދު ނިޔާޒުގެ މައްޗަށެވެ. މި ހާދިސާއާ ގުޅިގެން ނިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާވެސް ކޯޓުގައި ވަނީ ސާބިތުވެފައެވެ. އެއީ ވައްކަންކުރުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.
ތަހުގީގުން އެނގިފައިވާ ގޮތުގައި ނިޔާޒު ވަގަށް ނެގި ފޯނުތަކުގެ ތެރެއިން 12 ފޯނެއް ފުލުހުން ވަނީ ދެ ގެއަކުން ހޯދާފައެވެ. އަދި ބާކީ ހުރި ފޯނުތައް އޭނާ ވަނީ އެކި ފަރާތްތަކަށް ވިއްކާލާފައެވެ.
ކޯޓުން ނިޔާޒުގެ މައްޗަށް ކުރި ވައްކަމުގެ ދައުވާއާ ގުޅިގެން، އޭނާގެ ކުރީގެ ކުށުގެ ރިކޯޑަށް ބަލައި ދެ އަހަރުގެ ޖަލު އަދަބެއް ކަނޑައެޅިއެވެ. ނަމަވެސް ބަންދުގައި ހޭދަކުރި 4 މަހާއި 11 ދުވަސް އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހެނީ 1 އަހަރާއި 7 މަހާއި 19 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށަށް 3 މަސް ދުވަހުގެ ޖަލު އަދަބެއް އަދި އެނގި ހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަށް 1 މަހާއި 15 ދުވަހުގެ ޖަލު އަދަބެއް މަލްޓިޕްލް އޮފެންސް އުސޫލުން އިއްވާފައިވެއެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ނިޔާޒަކީ ވައްކަމުގެ ގިނަ ރިކޯޑުތަކެއް އޮތް މީހަކަށް ވެފައި، އޭނާ ކުށް ތަކުރާރު ކުރުމުގެ ފުރުސަތު ބޮޑުކަމުން، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާއަށް ދޭންޖެހޭ އެންމެ އެކަށީގެންވާ އަދަބަކީ މުޖުތަމައުން އެކަހެރިކޮށް ޖަލަށްލުން ކަމަށެވެ.

