ޔަމަނުގެ ހުރިހާ ސަރަޙައްދެއް އަލުން ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި، ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ޙަރަކާތެއް ފަށާފައިވާ ކަން ޔަމަނުގެ ސަރުކާރުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
ޓީވީ މެދުވެރިކޮށް ޤައުމާ މުހާތަބުކުރައްވަމުން ޔަމަނުގެ ރައީސް ރަޝާދު އަލް-ޢާލީމީ ވިދާޅުވީ، ޙޫޘީންނާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ މަސްރަޙު ރަނގަޅުކުރުމަށް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ، ކަންކަން ހަލަބޮލިކުރަން ޙޫޘީން މަސައްކަތްކުރަމުންދާތީ ޤައުމީ ޒިންމާއެއް އަދާކުރުމުގެ ގޮތުން ކަމަށެވެ. މި ޙަރަކާތުގެ ދަށުން ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަތިޔާރުއެޅި ފައުޖުތަކާއި ސަލާމަތީ ބާރުތަކަށް މިހާރު ވަނީ އަމުރުކުރައްވާފައެވެ.
މެދުއިރުމައްޗާއި ހުޅަނގުގެ އިސްވެރިން ހާމަކޮށްފައިވާ ގޮތުގައި، ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް ހޯދުމަށް ފެށި މި ޙަރަކާތުގައި ވައިގެ ހަމަލާތައް ދެނީ ސަޢުދީ ޢަރަބިއްޔާއިންނެވެ. އަދި އެއްގަމުމަގުން ހަމަލާތައް ކުރިއަށް ގެންދަނީ ޔަމަނުގެ އަސްކަރިއްޔާއިންނެވެ. ރައީސް އަލް-ޢާލީމީ ވަނީ ސަޢުދީން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ޔަމަނުގެ ދައުލަތުގެ އިދާރާތަކަށް ވާގިވެރިވުމަށް ގޮވާލައްވާފައެވެ.
ޔަމަނުގެ އަސްކަރީ ޙަރަކާތް ފެށުމާއެކު، ޙޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟް އަދި ޚުރައިސް ސަރަޙައްދުގައި ހުންނަ ސަޢުދީގެ ޤައުމީ ތެޔޮ ކުންފުނި، އަރާމްކޯގެ ސައިޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ. ޙޫޘީން ބުނާ ގޮތުގައި މިއީ ފާއިތުވި 12 ގަޑިއިރު ތެރޭ ސަޢުދީން ޔަމަނަށް ދިން 50 އަށްވުރެ ގިނަ ވައިގެ ހަމަލާގެ ރައްދެކެވެ. ނަމަވެސް މި ހަމަލާތަކާ ގުޅިގެން ސަޢުދީ ޢަރަބިއްޔާއިން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމަ 2014 ވަނަ އަހަރު ފެށުނީ ޙޫޘީން ވެރިރަށް ޞަންޢާ ހިފުމާ ގުޅިގެންނެވެ. އޭގެ ފަހުން 2015 ގައި ސަޢުދީ އިސްވެ އޮވެ އުފެއްދި އިއްތިޙާދުން ދަނީ ޔަމަން ސަރުކާރަށް ވާގިވެރިވަމުންނެވެ. 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، މި ފެށުނު އާ ހަމަލާތަކާއެކު ޔަމަނުގެ މަސްރަޙު އަލުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވަނީ ވެއްޓިފައެވެ.

