އޯޓިޒަމާއި އޭޑީއެޗްޑީއާއެކު ބޮޑުވަމުން އަންނަ އުމުރުން 19 އަހަރުގެ މުޙައްމަދު ފައްޔާހް ހަސަން (ދޮންކަލޯ) އަށް ރައްކާތެރި ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ޓިކްޓޮކް މެދުވެރިކޮށް ހިންގި ފަންޑްރައިޒިން އިވެންޓަކުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

"ހިޔާ ފޯ ދޮންކަލޯ" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޚާއްޞަ ހަރަކާތަކީ މުޅި ދިވެހި ޓިކްޓޮކް ކޮމިއުނިޓީ ގުޅިގެން ހިންގި ވަރަށް ކާމިޔާބު އިވެންޓެކެވެ.

ބ. ހިތާދޫގައި އޭނާގެ ބައްޕަ ހަސަން ފަޔާޒް އަދި މާމައާއެކު ދިރިއުޅެމުންދާ ދޮންކަލޯގެ ދިރިއުޅުމުގެ ދަތި ހާލަތު ބައްޕަ ފަޔާޒް ޓިކްޓޮކްގައި ހިއްސާކުރަން ފެށުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ދޮންކަލޯ ބެލުމަށްޓަކައި ބައްޕަ ވަނީ ކަސްޓަމްސްގެ ވަޒީފާ ވެސް ދޫކޮށްލައި، މުޅިން ހުސްވެފައެވެ. މިހާރު އެ އާއިލާ ދިރިއުޅެމުންދާ ވަރަށް ދުވަސްވީ ގެއަކީ ދޮންކަލޯއަށް ދުވެލާނެ ޖާގައެއް ނެތް، ވަރަށް ބަންދު އަދި ހޫނުގަދަ މާހައުލަކަށް ވުމުން ދޮންކަލޯ ގިނައިން ރުޅިގަދަވާކަން ބައްޕަ ފާހަގަކުރިއެވެ.

ދަރިފުޅަށް ހިތްގައިމު މާހައުލެއް ހޯދައިދިނުމަށް ބައްޕަ ފަޔާޒް އަމިއްލައަށް ގެއެއް ރާނަން ފަށައި، ހިޔާކޮށްފައި އޮތް ނަމަވެސް، މާލީ ތަދިކަމުގެ ސަބަބުން ތަޅުންއެޅުމާއި މުށިޖެހުން ފަދަ މަސައްކަތްތައް ހުރީ މެދުކެނޑިފައެވެ. އެ އާއިލާގެ ޚަރަދުތައް މިހާރު ބަލަހައްޓަނީ ދޮންކަލޯއަށް ލިބޭ އެލަވެންސާއި ބައްޕަ ރަށުގައި ކުރާ ކުދިކުދި މަސައްކަތްތަކުންނެވެ.

މި ހާލަތު ފެނި، ޓިކްޓޮކް ތަރިއެއް ކަމަށްވާ "އެމްޓީޕީ" އާއި މަރިޔަމް ސަމާ އިސްނަގައިގެން ފަޔާޒްގެ ރަސްމީ އެކައުންޓް މެދުވެރިކޮށް ބޭއްވި ލައިވް އިވެންޓަށް ބޮޑު ތަރުހީބެއް ލިބުނެވެ. ލައިވް ކުރިއަށްދިޔައިރު އެއްފަހަރާ ގިނަ އަދަދެއްގެ ދިވެހިން ފައިސާ ފޮނުވަން މަސައްކަތް ކުރުމުގެ ސަބަބުން ބޭންކް އެކައުންޓްތަކުގެ ލިމިޓް ހަމަވެ، ދަތިތަކާ ވެސް ކުރިމަތިވިއެވެ. އެހެންނަމަވެސް، ކުރު ވަގުތުކޮޅެއްގެ ތެރޭގައި 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާވެފައެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ ގޭގައި ބޭނުންކުރާނެ ފަރުނީޗަރާއި އެހެނިހެން ސާމާނު ވެސް ހަދިޔާކުރަން އެއްބަސްވެފައެވެ.

"ވަރަށް އުފާވެއްޖެ، އަހަރެން އުއްމީދެއް ނުކުރަން މިހާވަރު ވާނެ ކަމަށް. މިހާ ހިސާބަށް ދިޔައިމަ އެނގޭ ދިވެހި ރައްޔިތުން އެހީވާން ތައްޔާރަށް ތިބި މިންވަރު،" ބޮޑު އެހީއެއް ލިބުމުން ރައްޔިތުންނަށް ޝުކުރު އަދާކުރަމުން ފަޔާޒް ބުންޏެވެ.

މި ހަރަކާތުން އެއްކުރެވުނު ހުރިހާ ފައިސާއެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދޮންކަލޯއަށްޓަކައި ހަދަން ފަށާފައިވާ ގޭގެ މަސައްކަތްތައް އެއްކޮށް ނިންމައި، އޭނާއަށް އަމާން ދިރިއުޅުމެއް ހޯދައިދިނުމަށެވެ.