މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި ފިޔަވަޅުތަކަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
މިއަދު އަމަލު ކުރަން ފެށި މި ގާނޫނުގެ ދަށުން މުޅި މާލޭގެ ޓްރެފިކް އެއްކޮށް މޮނިޓާ ކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ގާއިމުކުރަން ޖެހެއެވެ. މި ސަރަހައްދުގެ ޓްރެފިކްގެ މައްސަލަތައް ހައްލު ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރާނީ މިނިސްޓްރީގެ ދަށުން ހިންގާ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އިންނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ރަށްރަށާއި ސިޓީތަކުގައި އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކުން ވަނީ މިނިސްޓްރީއަށް ބަދަލުވެފައެވެ. އަދި ކުރިއަށް އޮތް 6 މަސް ތެރޭގައި މާލޭ ސަރަހައްދުގައި އުޅަނދު ރަޖިސްޓްރީކުރެވޭނެ އެންމެ މަތީ އަދަދު މި އޮފީހުން ކަނޑައަޅަންޖެހެއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށްޓަކައި "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް" ގެ ނަމުގައި ފަންޑެއް ވަނީ އުފައްދާފައެވެ. މި ގާނޫނުގެ ދަށުން ވެހިކަލްތަކުގެ އަހަރީ ފީ މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން އުނިކޮށް، ދެން ޖަމާކުރާނީ މި ފަންޑަށެވެ. ފަންޑުގެ ރައުސްމާލު އެކުލެވިގެންވަނީ ރަޖިސްޓްރީ ފީ، ލައިސަންސް ފީ، އަހަރީ ފީ، މަލްޓިޕަލް އޯނަޝިޕް ފީ، ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާ ފައިސާ އަދި ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ މައްޗަށެވެ.
ގާނޫނާ ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ބައެއް ބޮޑެތި އަދަބުތައް:
ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވުން: 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ޖިނާއީ ދައުވާ އުފުލުން.
ލައިސަންސް ނެތް މީހަކާ ނުވަތަ ކުޑަކުއްޖަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުން: 25،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އައުމުގެ އިތުރުން މީހަކު މަރުވެއްޖެނަމަ ޖިނާއީ ދައުވާ އުފުލައި ލައިސަންސް އަތުލުން.
މި ގާނޫނުގެ ދަށުން، ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ޖޫރިމަނާ 5،000 ރުފިޔާއަށްވުރެ ބޮޑުވެއްޖެނަމަ، ފައިސާ ދައްކާ ހަލާސްކުރަންދެން އުޅަނދު ބޫޓުކުރުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. ބޫޓުކުރާ ތާރީހުން ފެށިގެން 72 ގަޑިއިރު ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދު ގެންދާނެއެވެ. ފުލުހުން ހިފަހައްޓާ އުޅަނދާ ވެރިފަރާތުން ހަވާލުނުވެ 1 މަސް ވުމުން ގެޒެޓުގައި އާންމުކޮށް، އިތުރު 30 ދުވަސް ދިނުމަށްފަހުވެސް ހަވާލުނުވެއްޖެނަމަ ނީލަމުގައި ވިއްކާލުން ނުވަތަ ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
މި ގާނޫނުގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުޅަނދުގެ އުމުރު ކަނޑައަޅާނެއެވެ. ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މި ގާނޫނަށް އަމަލު ކުރަން ފެށުމުން، "މުސްކުޅި ކުރާ އުޅަނދު އެއްލާލަން ނުޖެހޭނެ" ކަމަށާއި އެއަށް ހަމަޖެހޭ އަގެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ. އުޅަނދުފަހަރުގެ އުމުރު ކަނޑައެޅުމަށް ގާނޫނުގައި ހިމަނާފައިވާ ބަޔަށް އަމަލުކުރަން ފަށާނީ 3 އަހަރު ދުވަސް ހަމަވުމުންނެވެ.

