ކްރިއޭޓިވް ނެޓްވޯކުން "ޕްރޮޖެކްޓް ޖޭޖޭ" ގެ ސިއްރު ނަމުގައި ލާމު އަތޮޅުގައި ޝޫޓްކޮށްގެން އުފެއްދި، އަދި ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އައި އަޒްހާން އިބްރާހީމްގެ އާ ވެބް ސީރީޒް "ޖުންޖުލާ" ގެ ޚާއްޞަ ޕްރިމިއާ ޝޯ ރޭ އޮލިމްޕަސްގައި ބާއްވައިފި އެވެ.

މި ފޯރިގަދަ ޕްރިމިއާ އިވެންޓުގައި ސީރީޒްގެ ޑިރެކްޓަރާއި، މައިގަނޑު ކާސްޓުންނާއި، ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކެއްވަނީ ބައިވެރިވެފައެވެ. ރެޑް ކާޕެޓް ހަރަކާތްތަކަކާއެކު ކުރިއަށްދިޔަ މި ރޭގައި ސީރީޒްގެ ފުރަތަމަ މަންޒަރުތައް ބަލާލުމަށް ފަހު ގިނަ ބަޔަކު ވަނީ "ޖުންނުލާ"ގެ ސިނަމެޓޮގްރަފީއަށާއި، އެކްޓިން އަދި އުފެއްދުމުގެ ފެންވަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

މީގެ ކާސްޓުންގެ ތެރޭގައި މަރިޔަމް ނިޝާ، ވާޝިޔާ މުހައްމަދާއި މުހައްމަދު އިޝްފާނާއި ރަޝްފާ ފާރޫގާއި އިބްރާހީމް މުނީޒް ފަދަ ފަންނާނުން ހިމެނެ އެވެ. މިއީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ނިޝާ ފެނިގެންދާ ފުރަތަމަ ފެނިލުމެވެ. އަދި "ޖުންޖުލާ" ގެ އެންމެ ލީޑް އަދި މުހިންމު އެއް ކެރެކްޓަރަކުން ފެނިގެންދާނީ ނިޝާ އެވެ.

ލާމު އަތޮޅުގެ ގުދުރަތީ ރީތި މަންޒަރުތަކަކާއެކު، ތަފާތު އަދި ސަސްޕެންސް ކޮންޓެންޓެއް ފެނިގެންދާނެ މި ވެބް ސީރީޒް، އޮލިމްޕަހުގެ ޕްރިމިއާ އަށް ފަހު ރަސްމީކޮށް ބެލުންތެރިންނާ ހަމައަށް އަންނާނީ މީޑިއާނެޓް ވީޑިއޯ ކްލަބް މެދުވެރިކޮށެވެ. އެއް އެޕިސޯޑު އަނެއް އެޕިސޯޑާއި ގުޅުންް އޮންނަ މި ސީރީޒްގައި 10 އެޕިސޯޑް ހިމެނޭއިރު ކޮންމެ އެޕިސޯޑަކީ ވެސް ތަފާތު ވާހަކައެއްކަމަށް އަޒްހާން ބުންޏެވެ.

އަޒްހާނަކީ ތަފާތު ބާވަތްތަކުގެ ކާމިޔާބު އުފެއްދުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ފަރާތެކެވެ. އެގޮތުން އޭނާ މިހާތަނަށް ޑައިރެކްޓްކޮށްފައިވާ މަގުބޫލު ވެބް ސީރީޒްތަކުގެ ތެރޭގައި މީޑިއާނެޓުން ގެނެސްދިން ސިޔާސީ ކްރައިމް ތުރިލާ "ދަރަކަ" އާއި، ބައިސްކޯފުން ސްޓްރީމްކުރި ޑްރާމާ "މިރާއީ" ހިމެނެއެވެ. އަދި ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ލޯބީގެ ފިލްމު "މީ އިޝްގު" އާއި އިމޯޝަނަލް ޑްރާމާ ފިލްމު "ލިލީ" އަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ ފީޗާ ފިލްމުތަކެވެ. މީގެ އިތުރުން "އީދު ގޮއްޔެ" އަދި "މާ ލިލީ" ފަދަ މަގުބޫލު ވީޑިއޯ ލަވަތައް ވެސް އޭނާ ވަނީ އުފައްދާފައެވެ.