ވައިޓް ހައުސްގެ ޚަބަރުތައް ރިޕޯޓްކުރާ އެމެރިކާގެ ބޮޑެތި މީޑިއާ ނެޓްވޯކްތަކެއް ކަމަށްވާ ސީއެންއެން، ޕޮލިޓިކޯ އަދި އެމްއެސް ނައު ވައިޓް ހައުސްއަށް ވަނުން ރައީސް ޑޮނަލްޑް ޓްރަމްޕް "ވަގުތުން" މަނާކުރައްވައިފިއެވެ. މިއާއެކު ޓްރަމްޕްގެ ސަރުކާރާއި ނޫސް މީޑިއާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ނުތަނަވަސްވެ، ބޮޑު ހޫނުގަނޑެއް ވަނީ އުފެދިފައެވެ.

ޓްރަމްޕް ވިދާޅުވީ، މި ފިޔަވަޅު އަޅުއްވަން ނިންމެވީ އެ މީޑިއާތަކުން އޭނާގެ ސަރުކާރާ ގުޅޭގޮތުން "މެދުނުކެނޑި ހަދަހަދައިގެން ވާހަކަދައްކާ، ދޮގު ޚަބަރު ފަތުރާތީ" ކަމަށެވެ. ނަމަވެސް، އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނުވަތަ ވަކި ޚާއްސަ މިސާލެއް ދައްކަވާފައެއް ނުވެއެވެ.

އޯވަލް އޮފީހުގައި ހުންނަވައިގެން ފަހުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިއީ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ފުނިޖެހިފައި ހުރި ވާހަކަތަކެއްގެ ނަތީޖާ ކަމަށާއި، މި ލިސްޓަށް ކުރިއަށް އޮތް ތަނުގައި ނިއުޔޯކް ޓައިމްސް އާއި ވޮޝިންގޓަން ޕޯސްޓް ފަދަ "ފޭކް ނިއުސް" ފަތުރާ އެހެން މީޑިއާތައް ވެސް އިތުރުވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި އެންގުން ތަންފީޒުކުރާނެ ގޮތުގެ އިތުރު ތަފްސީލެއް ވައިޓް ހައުސްއިން އަދި ހާމައެއް ނުކުރެއެވެ. އެހެންކަމުން، އެ މީޑިއާތަކުގެ މުވައްޒަފުންނަށް ވައިޓް ހައުސްގެ ސަރަހައްދަށް ވަނުން މުޅިން ހުރަސްއެޅޭނެތޯ ނުވަތަ ނޫންތޯ އަދިވެސް އޮތީ ސާފުނުވެއެވެ. މި ނިންމެވުން އިއުލާނުކުރިތާ ކުޑައިރުކޮޅެއް ފަހުން ވެސް، ޕޮލިޓިކޯ އާއި ސީއެންއެންގެ ރިޕޯޓަރުން ވައިޓް ހައުސްގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައިރު، ނައިބު ރައީސް ޖޭޑީ ވޭންސް އަޔޯވާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ސީއެންއެންގެ ނޫސްވެރިން ބައިވެރިވެފައިވެއެވެ.

ޓްރަމްޕްގެ މި ނިންމެވުމާއެކު ސީއެންއެން އިން ވަނީ ވަގުތުން ބަޔާނެއް ނެރެ، މި ފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ސީއެންއެންއިން ބުނީ މިއީ އެމެރިކާގެ ގާނޫނުއަސާސީން ރައްކާތެރިކަން ދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްގަށް ދިން "ޣައިރު ގާނޫނީ ހަމަލާއެއް" ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ޚަބަރު ފެތުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އެ ނެޓްވޯކްގެ ޓީމުން ކުރަމުންދާ އިންސާފުވެރި ރިޕޯޓްތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ބުނެފައިވެއެވެ.

ޕޮލިޓިކޯ އިން ވެސް ރަސްމީ ބަޔާނެއް ނެރެމުން ބުނީ، ކުރިއަށް އޮތް ސަރުކާރުތަކުގެ ޚަބަރުތައް ވެސް ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ރިޕޯޓްކުރުން މަތީ ދެމިތިބޭނެ ކަމަށާއި، ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުން ލިއްބައިދޭ ހައްގުތަކުގެ ދިފާއުގައި ވަރުގަދައަށް މަސައްކަތް ކުރާނެ ކަމަށެވެ.

2025 ޖަނަވަރީގައި ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް އެނބުރި ވަޑައިގަތީއްސުރެ، ނޫސްވެރިންނާ ދެމެދު ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިންގަވަމުންނެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ ގަރުނަކަށްވުރެ ގިނަ ދުވަސްވަންދެން މީޑިއާތަކުން ބަލަހައްޓަމުން އައި "ޕްރެސް ޕޫލް" ގެ ކޮންޓްރޯލް ސަރުކާރުގެ ދަށަށް ގެންގޮސް، ކޮންޒަވެޓިވް ބްލޮގަރުންނާއި އިންފްލުއެންސަރުންނަށް ވައިޓް ހައުސްއިން ޖާގަދޭން ފަށާފައެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް ސީއެންއެންގެ ޖިމް އެކޮސްޓާ މަނާކުރުމުން ކޯޓަށް ގޮސްގެން ހުއްދަ އިއާދަކުރަން ޖެހުނެވެ.