އީރާނާއި ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުގެ މަގުސަދުގައި އެމެރިކާގެ ކޮންގްރެސްއިން ފާސްކުރި "ލިންޑްސީ އޯ ގްރަހަމް ސޭންކްޝަނިންގ ރަޝިއާ އެންޑް އީރާން އެކްޓް އޮފް 2026" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގުކުރައްވައިފިއެވެ.

ވައިޓް ހައުސްއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ގާނޫނުގެ ދަށުން އީރާނުގެ އިގުތިސާދީ މުހިންމު ދާއިރާތަކަށް އަމާޒުކޮށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށް، އާ ފިޔަވަޅުތަކެއް ތައާރަފުކުރާނެއެވެ. މި ގާނޫނަކީ އީރާނުގެ އިތުރުން ރަޝިޔާއާ ދެކޮޅަށް ވެސް ފިޔަވަޅުތަކާއި ޓެރިފްތައް ފުޅާކުރުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.

ފާސްކޮށްފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އީރާނުގެ ހަކަތައާއި މާލީ ދާއިރާއާ މުއާމަލާތްކުރާ ބޭރުގެ ކުންފުނިތަކަށްވެސް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އެމެރިކާގެ ސަރުކާރަށް ލިބިގެންވެއެވެ. މީގެ އިތުރުން، އީރާނުގެ އަސްކަރީ އަދި ހަކަތައިގެ ޕްރޮގްރާމްތަކަށް އެހީތެރިވާ ފަރާތްތަކާ ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މި ގާނޫނުގައި ހިމަނާފައިވެއެވެ.

މި ގާނޫނުގެ ސަބަބުން، މީގެ ކުރިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބިލު ތަސްދީގުކުރެއްވުމަށްފަހު ރައީސް ޓްރަމްޕް ވިދާޅުވި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.