ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ބާއްވާ "މޯލްޑިވްސް އިންޓަނެޓް ގަވަނަންސް ފޯރަމް" (އައިޖީއެފް) މާދަމާ ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ވެއްޖެއެވެ.

ވިލާ ކޮލެޖުގައި ކުރިއަށްދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ. އަދި މި ހަރަކާތް މާދަމާ ހަވީރު 6:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މި ފޯރަމަކީ ވިމެން އިން ޓެކް މޯލްޑިވްސް އާއި ވިލާ ކޮލެޖް ގުޅިގެން، އިންޓަނެޓް ސޮސައިޓީ ފައުންޑޭޝަނާއި ގްލޯބަލް އިންޓަނެޓް ގަވަނަންސް ފޯރަމް (އައިޖީއެފް) ގެ އެހީތެރިކަމާއެކު އިންތިޒާމުކުރާ ހަރަކާތެކެވެ. މި ބައްދަލުވުމުގައި ޑިޖިޓަލް ދާއިރާގެ އެކި ސްޓޭކްހޯލްޑަރުން އެއްވެ، ރާއްޖޭގެ ޑިޖިޓަލް ވެށި ބައްޓަންކުރުމުގައި ހުރި ފުރުސަތުތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން އެންމެ އިސްކަންދޭންޖެހޭ ކަންކަމާ މެދު ބަހުސްކުރާނެއެވެ. މި މަޝްވަރާތަކުގައި ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި، ތައުލީމީ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ޒުވާނުން ވެސް ބައިވެރިވާނެއެވެ.

މި އަހަރުގެ ފޯރަމްގައި ދާއިރާގެ ތަޖުރިބާކާރުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ހުށަހަޅައިދޭ ޚާއްސަ ސެޝަންތަކެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޓެލެކޮމިއުނިކޭޝަންގެ މުސްތަގުބަލު: ރާއްޖޭގެ މުވާސަލާތީ ޚިދުމަތްތައް ކުރިއަރަމުންދާނެ ގޮތްތައް.

  • ޑޭޓާ ރައްކާތެރިކަމާއި ޒާތީ ސިއްރު: އާންމުންގެ މައުލޫމާތު ހިމާޔަތްކުރުން.

  • އޮންލައިން ސަލާމަތްތެރިކަން: އިންޓަނެޓްގެ ވެށި ރައްކާތެރި ތަނަކަށް ހެދުން.

  • އޭއައި ގަވަނަންސް: އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމާއި އޭގެ ނުރައްކާ ކުޑަކުރުން.

  • ޝާމިލު ޑިޖިޓަލް ޚިދުމަތްތައް: ހުރިހާ އެންމެންނަށް ފަސޭހައިން ލިބޭނެ ޓެކްނޮލޮޖީ ގާއިމުކުރުން.

މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ހެކިތަކާއި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ފުން މަޝްވަރާތަކެއް ކުރިއަށް ނެރުމެވެ. އަދި ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، ރާއްޖެއަށް ރައްކާތެރި، އެންމެންގެ ހިއްސާ އެކުލެވޭ، އަދި އިތުބާރު ހުރި ޑިޖިޓަލް މުސްތަގުބަލެއް ބިނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިވެދިނުމެވެ.

ރާއްޖޭގެ ފުރަތަމަ އިންޓަނެޓް ގަވަނަންސް ފޯރަމް ބާއްވާފައި ވަނީ2023 ވަނަ އަހަރު އެވެ.