އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާ ލިއޮނެލް މެސީއަށް ޝަރަފުވެރި އަލްވަދާއެއް ކިއުމުގެ ގޮތުން ކުޅޭ ހާއްސަ މެޗުގެ ސްކޮޑުން އޭނާއަށް ފުރުސަތު ދީފިއެވެ.

އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ބުއެނޮސް އައިރެސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ބެނިންއާ ދެކޮޅަށް ކުޅޭ މި މެޗަކީ، އުމުރުން 39 އަހަރުގެ މެސީ ގައުމީ ޖޯޒީގައި ފެންނާނެ އެންމެ ފަހު މެޗެވެ. އާޖެންޓީނާ ފުޓްބޯޅަ އިދާރާ އޭ އެފްއޭ ގެ ރައީސް ކްލޯޑިއޯ ޓާޕިއާ ވިދާޅުވީ، މިއީ ކޯޗު ލިއޮނެލް ސްކަލޯނީއާ މަޝްވަރާކުރުމަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހައްގުވާ ފަދަ ޝަރަފެއް ދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ. މީގެ އިތުރުން 2022 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އާއިލާތަކާއެކު މި މެޗަށް ދައުވަތު ވަނީ އަރުވާފައެވެ.

މިދިޔަ އޮގަސްޓް 31 ގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލި މެސީއަކީ އާޖެންޓީނާގެ ތާރީހުގައި 207 މެޗު އަދި 125 ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ.

މި ހާއްސަ މެޗުގެ ކުރިން މި މަހު 30 ގައި ބޮލީވިއާއާ ދެކޮޅަށް އަދި އަންނަ މަހު 3 ގައި ބުރުކީނާ ފާސޯއާ ދެކޮޅަށް އާޖެންޓީނާއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ. ނަމަވެސް އެ މެޗުތަކުގައި މެސީ ނުކުޅޭނެއެވެ.