އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޣައްޒާ ކަރައިގެ 70 އިންސައްތަ ސަރަހައްދު އެގައުމުގެ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އަމުރުކޮށްފިއެވެ. އިސްރާއީލުގެ މީޑިއާތަކުން އާންމުކޮށްފައިވާ ނަތަންޔާހޫގެ ވާހަކަފުޅުތަކަށް ބަލާއިރު، އޭނާ ވަނީ ޣައްޒާގައި އިސްރާއީލުގެ ބާރު ހިނގާ ސަރަހައްދު މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ސިފައިންނަށް އަންގާފައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުނެފައިވަނީ، "މިވަގުތު ޣައްޒާގެ 60 އިންސައްތަ ސަރަހައްދު އޮތީ އަހަރެމެންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި. އަދި އަހަރެންގެ އިރުޝާދަކީ އެ މިންވަރު 70 އިންސައްތައަށް އިތުރުކުރުން،" ކަމަށެވެ.

ދަ ޓައިމްސް އޮފް އިސްރާއީލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އެއްވުމުގައި ބައިވެރިވި މީހަކު މުޅި ޣައްޒާ އިސްރާއީލުގެ ދަށަށް ގެނައުމަށް ގޮވާލުމުން، ނަތަންޔާހޫ ބުނީ ކަންކަން ކުރަނީ ތަރުތީބުން ކަމަށެވެ. "ފުރަތަމަ 70 އިންސައްތަ،" މުޅި ޣައްޒާ ހިފުމުގެ ފުރުސަތު އޮތްކަން ދޭހަވާ މޭރުމަކުން އޭނާ ބުންޏެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ މެދުވެރިވެގެން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅި ބޯޑަރުތަކުގެ ބޭރުން އިތުރު ބިންތަކަށް އިސްރާއީލު ސިފައިން ވަނީ މިދިޔަ މާރިޗު މަހުން ފެށިގެން ވެރިވެގަންނަން ފަށާފައެވެ. އިސްރާއީލުގެ މި އަމަލުގެ ސަބަބުން، ކުރިންވެސް ނިކަމެތި ހާލުގައި އުޅެމުންދާ 2 މިލިއަން ފަލަސްތީނު ރައްޔިތުން، މިހާރަށްވުރެ ކުޑަ ސަރަހައްދަކަށް ތޮއްޖެހެން މަޖުބޫރުވާނެއެވެ.

ނަމަކަށް ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާއަށް މެދުނުކެނޑި ބޮން އަޅަމުންނެވެ. އަލްޖަޒީރާގެ ހިސާބުތަކުން ދައްކާގޮތުގައި އޮކްޓޯބަރުން އޭޕްރީލްގެ ނިޔަލަށް އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ 2،400 އަށްވުރެ ގިނަ ފަހަރު ޚިލާފުވެފައެވެ. ބުރާސްފަތި ދުވަހުވެސް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 4 ކުޑަކުދިން ހިމެނޭހެން 10 މީހުން ވަނީ ޝަހީދުވެފައެވެ.

އދ. ގެ އޮފީސް ފޯ ހިއުމަނިޓޭރިއަން އެފެއާޒް (OCHA) އިން ބުނާގޮތުގައި ޣައްޒާގެ އިންސާނީ ހާލަތު އޮތީ ނުރައްކާތެރި ދަރަޖައެއްގައެވެ. ބޯފެނާއި ސާފުތާހިރުކަމުގެ ވަސީލަތްތައް ނެތުމުގެ ސަބަބުން ބަލިމަޑުކަން ފެތުރުމުގެ ބިރު ބޮޑުވެފައިވާއިރު، އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުން ފެށި މި ހަނގުރާމައިގައި މިހާތަނަށް 72,775 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.