ހޯމަ ދުވަހުގެ ރޭ ބޭއްވި އެމެރިކަން މިއުޒިކް އެވޯޑްސް (AMAs) ގާލާގައި ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް BTS އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެވޯޑް ހަފުލާއަކުން ފެނިގެންދިޔަ މި ގްރޫޕުން ވަނީ ނޮމިނޭޓްވި ތިން ކެޓަގަރީން ވެސް އެވޯޑް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 'އާޓިސްޓް އޮފް ދަ އިޔާ' ގެ އިތުރުން 'ބެސްޓް މޭލް ކޭ-ޕޮޕް އާޓިސްޓް' އަދި "SWIM" އަށް ލިބުނު 'ސޮންގް އޮފް ދަ ސަމާ' ހިމެނެއެވެ.

މީގެ އިތުރުން ސޯމްބްރް (Sombr)، ކެޓްސްއައި (KATSEYE)، ބްރޫނޯ މާސް، ކާޑީ ބީ، ސަބްރީނާ ކާޕެންޓާ، އަދި 'ކޭ-ޕޮޕް ޑީމަން ހަންޓާސް' ގެ ހަންޓްރިކްސް (EJAE، އޯޑްރީ ނޫނާ އަދި ރެއި އަމީ) ވެސް ވަނީ ތިން އެވޯޑް ކާމިޔާބުކޮށްފައެވެ. EJAE ވަނީ 'ބެސްޓް ސައުންޑްޓްރެކް' އާއެކު ޖުމްލަ ހަތަރު އެވޯޑް ހާސިލްކޮށްފައެވެ.

ހާއްސަ އެވޯޑްތަކަށް ބަލާއިރު، ބިލީ އައިޑަލް އަށް 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' އަދި ޑޭރިއަސް ރަކާ އަށް 'ވެޓެރަންސް ވޮއިސް އެވޯޑް' ވަނީ އަރުވާފައެވެ. ކެރޮލް ޖީ އަށް 'އިންޓަނޭޝަނަލް އާޓިސްޓް އެވޯޑް އޮފް އެކްސެލެންސް' ލިބިފައިވާއިރު، މި ހަފުލާ ހުށަހަޅައިދިނީ ކްއީން ލަތީފާއެވެ.

މުހިންމު ބައެއް ކެޓަގަރީތަކުން މޮޅުވި ފަރާތްތައް:

- އާޓިސްޓް އޮފް ދަ އިޔާ: BTS
- ނިއު އާޓިސްޓް އޮފް ދަ އިޔާ: KATSEYE
- އެލްބަމް އޮފް ދަ އިޔާ: ސަބްރީނާ ކާޕެންޓާ - 'Man’s Best Friend'
- ސޮންގް އޮފް ދަ އިޔާ: "Golden" (EJAE, Audrey Nuna, Rei Ami)
- ކޮލަބްރޭޝަން އޮފް ދަ އިޔާ: ޕިންކްޕެންތަރެސް އަދި ޒާރާ ލާސަން - "Stateside"
- ބެސްޓް މިއުޒިކް ވީޑިއޯ: KATSEYE - "Gnarly"
- ޓުއާ އޮފް ދަ އިޔާ: ޝަކީރާ - Las Mujeres Ya No Lloran World Tour
- ބެސްޓް މޭލް ޕޮޕް އާޓިސްޓް: ޖަސްޓިން ބީބަރ
- ބެސްޓް ފީމޭލް ޕޮޕް އާޓިސްޓް: ސަބްރީނާ ކާޕެންޓާ
- ބެސްޓް މޭލް ހިޕް ހޮޕް އާޓިސްޓް: ކެންޑްރިކް ލަމާ
- ބެސްޓް ފީމޭލް ހިޕް ހޮޕް އާޓިސްޓް: ކާޑީ ބީ
- ބެސްޓް ފީމޭލް ކޭ-ޕޮޕް އާޓިސްޓް: TWICE

ވޭގަސްގެ އެމްޖީއެމް ގްރޭންޑް ގާޑަން އެރީނާގައި ބޭއްވުނު މި ހަފުލާއަކީ ފޭނުންގެ ވޯޓުން ނަތީޖާ ކަނޑައެޅި ހަފުލާއެކެވެ.