ނިކޮލަސް ކޭޖްގެ ސުޕަހީރޯ ދަތުރަކީ ހޮވާޑް ހޯކްސްގެ 'ދަ ބިގް ސްލީޕް' އަށްވުރެ ވެސް ގިނަ އަޑިގުޑަންތަކެއް ކުރިމަތިވި ދަތުރެކެވެ.

މި ދަތުރު ފެށުނީ 90 ގެ އަހަރުތަކުގެ ފަހުކޮޅު، ޑައިރެކްޓަރު ޓިމް ބާޓަންގެ 'ސުޕަމޭން ލައިވްސް' އިން ސުޕަމޭންގެ ރޯލް ކުޅެން އޭނާ ތައްޔާރުވެފައި ވަނިކޮށް، ފިލްމުގެ މަސައްކަތް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ މަޝްރޫއު ހުއްޓާލުމުންނެވެ. އޭގެ ފަހުން ސޭމް ރައިމީގެ 'ސްޕައިޑަރ-މޭން' ފިލްމުން ގްރީން ގޮބްލިންގެ ރޯލް އޭނާއަށް ހުށަހެޅުނު ނަމަވެސް، އޭރު އޭނާ ހުރީ އެހެން ފިލްމެއްގެ މަސައްކަތުގައެވެ. އަދި 'ދަ ގްރީން ހޯނެޓް' އިން ވެސް އޭނާއަށް ފުރުސަތު ލިބުނު ނަމަވެސް ސެތު ރޯގަންއާ ޚިޔާލު ތަފާތުވުމުން އެކަން ވެސް ކާމިޔާބެއް ނުވިއެވެ.

ކޭޖް މީގެ ކުރިން 'ގޯސްޓް ރައިޑަރ' އާއި 'ކިކް-އޭސް' ފަދަ ފިލްމުތަކުން ފެނިފައިވީ ނަމަވެސް، އޭނާގެ ހަގީގީ ތަސައްވުރާ އެއްގޮތްވާ ފަދަ ސުޕަހީރޯއެއްގެ ރޯލު މިހާތަނަށް އޮތީ ނުލިބިފައެވެ. ނަމަވެސް އެކަން މިހާރު މިވަނީ ބަދަލުވެފައެވެ.

މޭ 27 ގައި ޕްރައިމް ވީޑިއޯ އިން ދައްކަން ފަށާ އާ ސީރީޒް 'ސްޕައިޑަރ-ނޮއާ' އަކީ 1930 ގެ އަހަރުތަކުގެ ނިއު ޔޯކް ސިޓީގައި ދިރިއުޅޭ، އަނބިމީހާގެ މަރުގެ ހިތާމައިގައި އުޅޭ ޕްރައިވެޓް އިންވެސްޓިގޭޓަރެއް ކަމަށްވާ ބެން ރައިލީ (ކޭޖް) ގެ ވާހަކައެކެވެ. މިއީ 'ސްޕައިޑަރ-މޭން: އިންޓު ދަ ސްޕައިޑަރވާސް' ގައި ކޭޖް އަޑު އަޅައިދިން ސްޕައިޑަރ-މޭން ނޮއާގެ ކެރެކްޓާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ.

މި ސީރީޒާ ގުޅޭގޮތުން ވެރައިޓީއަށް ދިން އިންޓަވިއުއެއްގައި ކޭޖް ބުނީ، އޭނާ ބޭނުންވީ ބޯގާޓް އާއި ކެގްނީ ފަދަ ކުރީގެ މަޝްހޫރު އެކްޓަރުންގެ ސްޓައިލް މި ކެރެކްޓާއިން ދައްކުވައިދިނުމަށް ކަމަށެވެ. އަދި ޓީވީ ސީރީޒެއް ކުޅެން ނިންމި ސަބަބާ ގުޅޭގޮތުން އޭނާ ބުނީ، ކޮވިޑް ދުވަސްވަރު އޭނާގެ ދަރިފުޅު ދެއްކި 'ބްރޭކިންގް ބޭޑް' ބެލުމަށްފަހު، އެކްޓަރުންނަށް އެމީހުންގެ ކެރެކްޓާ ބިނާކުރުމަށް ޓީވީ ސީރީޒްތަކުން ލިބޭ ވަގުތުގެ މުހިންމުކަން ވިސްނުނު ކަމަށެވެ.

މީގެ އިތުރުން 'ޓްރޫ ޑިޓެކްޓިވް' ސީޒަން 5 އާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެމުން ކޭޖް ބުނީ، އެ ސީރީޒްގެ ޝޯރަނާ އިއްސާ ލޯޕޭޒްއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އަދި އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ ކަމަށެވެ.