އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބަނގްލަދޭޝްއިން އެހީގެ އާ ޕްރޮގްރާމަކަށް އެދިފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރިޕޯޓްކޮށްފިއެވެ.

އައިއެމްއެފްގެ މިޝަން ޗީފް އީވޯ ކްރްޒްނާރު އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބަނގްލަދޭޝްގެ އިސްލާހީ އެޖެންޑާ އާއި ސިޔާސަތުތަކާ ގުޅޭގޮތުން އައިއެމްއެފްގެ މުވައްޒަފުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މާލީ އެހީގެ މި ޕެކޭޖުގެ ސީދާ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ހަކަތައިގެ ކްރައިސިސްއާ ގުޅިގެން 2 ބިލިއަން ޑޮލަރުގެ ލޯނު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާޗް މަހު ބަނގްލަދޭޝް ސަރުކާރުން ބުނެފައިވެއެވެ.

އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ހަނގުރާމައިގެ ކުރިން ފީފާއެއް 66 ޑޮލަރަށް ހުރި ތެލުގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް 100 ޑޮލަރަށް އަރާފައެވެ. ބަނގްލަދޭޝްއަކީ ބޭނުންވާ ތެލާއި އެލްއެންޖީގެ 95 އިންސައްތަ އިމްޕޯޓް ކުރާ ގައުމަކަށް ވުމުން، މީގެ ނޭދެވޭ އަސަރު އެ ގައުމުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ހަކަތައިގެ އިތުރުން ބަނގްލަދޭޝްގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ގާމެންޓް އިންޑަސްޓްރީއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މުދާ އުފުލުމަށް ކުރާ ހޭދަ ބޮޑުވުމާއި ސަޕްލައި ޗެއިންއަށް އައި ބަދަލުތަކުގެ ސަބަބުން އަންނަ ސީޒަނުގައި އޯޑަރުތައް 20 އާއި 25 އިންސައްތައާ ދެމެދު ދަށްވާނެ ކަމަށް ބެލެވެއެވެ.

ބަނގްލަދޭޝްއަކީ މިހާރުވެސް އައިއެމްއެފްގެ 5.7 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއްގެ ދަށުން އެހީ ހޯދަމުންދާ ގައުމެކެވެ. 2023 ގައި ފެށި މި ޕްރޮގްރާމް ހަތަރު އަހަރަށް ދެމިގެންދާނެއެވެ. މީގެ އިތުރުން، ވޯލްޑް ބޭންކުން ވެސް ވަނީ ތެޔޮ އިމްޕޯޓް ކުރުމުގެ ޚަރަދުތަކަށް އެހީވުމަށް 350 މިލިއަން ޑޮލަރުގެ ލޯނެއް މިދިޔަ ހަފުތާގައި ފާސްކޮށްފައެވެ.

އައިއެމްއެފުން އިންޒާރު ދޭ ގޮތުގައި އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަރަނީގެ މިންވަރު އިންތިހާއަށް އުފުލިގެންދާނެއެވެ. ލަފާކުރެވޭ ގޮތުގައި 2029 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ޖުމްލަ ދަރަނި ދުނިޔޭގެ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 100 އިންސައްތައަށް އަރާނެއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދަރަނި މިހާ މައްޗަށް ދާނެ ފުރަތަމަ ފަހަރެވެ.