2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ޓިކެޓް ވިއްކުމުގައި "އަގުތައް އޮޅުވާލައި މައްޗަށް ޖައްސާފައިވާ" ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފީފާއިން ޖަވާބުދާރީވާން ޖެހިއްޖެ އެވެ.
މި މައްސަލަ ކުރިމަތިވެފައިވަނީ ނިއު ޔޯކް އަދި ނިއު ޖާޒީގެ އެޓާނީ ޖެނެރަލުން ފީފާގެ އަމަލުތައް ރަސްމީކޮށް ތަހުގީގު ކުރަން ފެށުމާ ގުޅިގެންނެވެ. ނިއު ޖާޒީގެ އެޓާނީ ޖެނެރަލް ޖެނިފާ ޑެވަންޕޯޓް ވިދާޅުވީ ޓިކެޓް ގަންނަން ޖެހޭ މަރުހަލާއަކީ "އޮޅުންބޮޅުން ބޮޑު، ދޮގު މައުލޫމާތު ފަތުރާ އަދި އަތްނުފޯރާ ފަދަ ބޮޑު އަގުތަކެއް" ހިމެނޭ ކަމެއް ކަމަށެވެ.
މި ތަހުގީގުގެ ދަށުން ފީފާގެ އެތެރޭގެ ލިޔެކިޔުންތަކާއި މައުލޫމާތު ހިއްސާކުރުމަށް ވަނީ އަމުރު (ސަބްޕީނާ) ކޮށްފަ އެވެ. ނިއު ޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮ އަގުގައި ޓިކެޓް ލިބުމުގެ ހައްގު އޮންނަންވާނެ ކަމަށާއި، ބޮޑު އަގު ދައްކަން މަޖުބޫރުވާ ގޮތަށް ކަންކަން ރޭވިގެން ނުވާނެ ކަމަށެވެ.
ޚާއްސަކޮށް، ކުރީގެ ވޯލްޑް ކަޕްތަކަށް ވުރެ މިފަހަރުގެ އަގުތައް މިހާ ބޮޑުވާން ޖެހުނު ސަބަބު ބަޔާންކޮށްދޭން ފީފާއަށް ވަނީ އަންގާފަ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އަގުތައް ބަދަލުކުރުމުގެ ސަބަބުން، 104 މެޗުގެ ތެރެއިން 90 މެޗެއްގެ އަގު ވަނީ އެވްރެޖްކޮށް 34 އިންސައްތަ މައްޗަށް ގޮސްފަ އެވެ.
މީގެ އިތުރުން، ސަޕޯޓަރުންނަށް ސީޓުތައް ހުންނަ ތަނާ މެދު އޮޅުވާލާފައިވާ ކަމަށާއި، ފަހުން ނެރުނު 'ފްރަންޓް' ކެޓަގަރީގެ ޓިކެޓްތަކަކީ މާ އަގުބޮޑު ޓިކެޓްތަކެއް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މީގެ ކުރިން އަގުތައް ދިފާއުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އަގުތަކުން ފެންނަނީ މި މުބާރާތަށް އާންމުންގެ މެދުގައި އޮތް "މޮޔަވާ ފަދަ" ބޮޑު ޝައުގުވެރިކަން ކަމަށެވެ.
ނަމަވެސް، ނިއު ޖާޒީގެ ގަވަރުނަރު މައިކީ ޝެރިލް ވަނީ ފީފާއިން ދަތުރުފަތުރުގެ ޚަރަދުތަކަށް އެހީތެރިނުވާތީ މީގެ ކުރިން ފާޑުވިދާޅުވެފަ އެވެ. މި މައްސަލައިގައި ފީފާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.

