އީރާނުގެ ދައުލަތުގެ ޓީވީން އެމެރިކާއާއެކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމަށާއި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ހުށަހެޅުމެއްގެ ތަފްސީލުތައް އާންމުކުރުމާ ގުޅިގެން މިއަދު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ. މި ހަބަރާއެކު ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.
އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި އެއްބަސްވުން އަދި ފައިނަލް ނުވި ނަމަވެސް، ފަހުމުނާމާއެއްގައި ސޮއިކުރެވިއްޖެނަމަ އެއް މަސް ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިއާދަކުރުމަށް އީރާނުން އިލްތިޒާމްވާނެއެވެ. މީގެ ބަދަލުގައި އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ނައްތާލާނެއެވެ.
މި ހުށަހެޅުމުގެ ދަށުން، އޭޕްރިލް 8 ގައި ގާއިމުކުރި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން 60 ދުވަހަށް އިތުރުކުރެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އީރާނުން ކަނޑުއޮޅީގައި އަތުރާފައިވާ މައިންތައް ނަގައި، މަޑުމަޑުން ކަނޑުއޮޅި ހުޅުވާލުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި ތެހެރާނާ ދެމެދު މަޝްވަރާކުރެވޭނެއެވެ.
މި ހަބަރާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު ގާތްގަނޑަކަށް 5 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 95 ޑޮލަރަށް ވެއްޓިފައެވެ. އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކާ ގާތަށް ދެވޭކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ދެއްވާފައެވެ. ނަމަވެސް ޓްރަމްޕް ފަހުން ވިދާޅުވީ އެއްބަސްވުމަކަށް އައުމުގައި "އަވަސް އަރުވާނުލުމަށް" މަޝްވަރާކުރާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށާއި، ދެ ފަރާތުން ވެސް ވަގުތު ނަގައިގެން ރަނގަޅު ނިންމުމެއް ނިންމަންވާނެ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އެއްބަސްވުމުގެ ލިޔުމުގައި ހިމަނާނެ ވަކިވަކި އިބާރާތްތަކާ މެދު ގިނަ މަޝްވަރާތަކެއް ކުރެވެމުންދާތީ، އެއްބަސްވުމަކަށް އައުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
ދޯހާގައި ގަތަރުގެ މެދުވެރިކަމާއެކު ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާއި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އެނބުރި ތެހެރާނަށް ވަޑައިގެންފައެވެ. އެ ބޭފުޅުން މިހާރު ތައްޔާރުވަމުންދަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ހާމަނާއީއާ ބައްދަލުކުރައްވައި މަޝްވަރާތަކުގެ ކުރިއެރުންތައް ހިއްސާކުރެއްވުމަށެވެ.

