ދުނިޔޭގެ އެންމެ އަގުބޮޑު އާޓިފިޝަލް އިންޓެލިޖެންސް (AI) ކުންފުނި، OpenAI ގެ ހަގީގީ މައްސަލައަކީ އޭއައި ސޭފްޓީ ނުވަތަ ރައްކާތެރިކަމެއް ނޫނެވެ. އެއީ އެ ކުންފުނީގެ ސީއީއޯ ސޭމް އެލްޓްމަން އެވެ. މިއީ މާހިރުން ދެކޭގޮތުގައި ކުންފުނީގެ އެތެރޭގައި އުފެދިފައިވާ 'ގްރޫޕްތިންކް' ނުވަތަ އެންމެން އެއްގޮތަކަށް ވިސްނަން މަޖުބޫރުވާ ސަގާފަތުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

މިދިޔަ އޭޕްރީލް މަހު އެލްޓްމަން ލިޔުއްވި ބްލޮގް ޕޯސްޓެއްގައި އޭނާއަކީ "ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިލުންވާ" (conflict-averse) މީހެއް ކަމަށް އިއުތިރާފުވެފައިވެއެވެ. މީގެ ސަބަބުން އޭނާއަށާއި OpenAI އަށް ބޮޑެތި ތަދުތަކެއް އިހުސާސް ކުރަންޖެހުނު ކަމަށްވެސް ބުނެފައިވެއެވެ.

ކުންފުންޏެއްގެ ލީޑަރަކު ހަގީގީ މައްސަލަތަކާއި ދެބަސްވުންތަކަށް ފިލަން އުޅުމަކީ އެ ކުންފުންޏަކަށް އޮތް ބޮޑު ނުރައްކަލެކެވެ. OpenAI ގައި މިކަމުގެ ނަތީޖާ ފެންނަމުންދަނީ އެކި ގޮތްގޮތަށެވެ. މީގެ ތެރޭގައި ކުންފުނީގެ ބޯޑުން އެލްޓްމަން ވަކިކުރަން އުޅުމާއި، އިލޮން މަސްކް އާއި އެލްޓްމަންއާ ދެމެދު އުފެދުނު ގާނޫނީ ހަނގުރާމަ ހިމެނެއެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި އެލްޓްމަންގެ މި އުސޫލުގެ ސަބަބުން ކުންފުނީގެ ތަޖުރިބާކާރު ގިނަ މުވައްޒަފުންތަކެއް ވަނީ ވަކިވެފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ކޯ-ފައުންޑަރ އިލްޔާ ސުޓްސްކޭވަރ އާއި ރައްކާތެރިކަމާ ބެހޭ ތަޖުރިބާކާރު ޖޭން ލައިކޭ ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުން ބުނާ ގޮތުގައި އެލްޓްމަންގެ ވިސްނުމާ ދެކޮޅަށް ވާހަކަދައްކަން ގިނަ ބަޔަކު ބިރުގަނެއެވެ.

މި މައްސަލައިގެ ތެރެއިން އުފެދުނު އެންމެ ބޮޑު ވާދަވެރިއަކީ OpenAI ދޫކޮށް ދިޔަ މުވައްޒަފުން އުފެއްދި Anthropic ކުންފުންޏެވެ. އެ ކުންފުންޏަކީ OpenAI ގައި ދެބަސްވުންތަކަށް ޖާގަ ނުލިބުމުން އުފެދިގެން އައި، މިހާރު 900 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ.

ލީޑަރެއްގެ އެންމެ މުހިންމު ސިފައަކީ އެންމެން އެއްބަސްވުން ނޫން ކަމަށާއި، ކުންފުނީގެ ތެރޭގައި ތަފާތު ޚިޔާލުތަކަށް ޖާގަ ދިނުން ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ދެބަސްވުންތައް ހުއްޓޭ ހިސާބަކީ ވިޔަފާރި ނެތިދާނެ ހިސާބު ކަމަށްވެސް މާހިރުން އިންޒާރުދެއެވެ.