އަންގާރަ ދުވަހު ގާޒާގެ މީހުން ދިރިއުޅޭ އިމާރާތަކަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ގާޑުގެ ކޮމާންޑަރު މުހައްމަދު އޫދާ މަރާލައިފިއެވެ. އޫދާ މަރާލާފައި މިވަނީ އޭނާގެ ކުރިން އެ މަގާމުގައި ހުރި މީހާ މަރާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
ގާޒާ ސިޓީގެ އެންމެ ކުލަގަދަ މާރުކޭޓު ސަރަހައްދުގައި ހުރި އާންމުން ދިރިއުޅޭ އިމާރާތަކަށް ދިން މި ހަމަލާގައި އޫދާގެ އިތުރުން އޭނާގެ އަންބަކާއި ދެ ދަރިން ވެސް މަރުވެފައިވާކަން ހަމާސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ހަމަލާގައި އިތުރު އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއާއި ޝިން ބެޓް ސެކިއުރިޓީ ސާވިސްއިން ބުނި ގޮތުގައި، އޫދާ ފިލައިގެން އުޅޭ ކަމަށް ބެލެވޭ އިމާރާތްތަކަށް ހަމަލާދިނީ މަސްތަކެއް ވަންދެން އޭނާގެ ހަރަކާތްތައް މޮނިޓަރު ކުރުމަށް ފަހުގައެވެ. މި ހަމަލާ ދީފައިވަނީ އީދުލްއަދުހާގެ ފޯރި ގަދަވެފައިވަނިކޮށް، ގިނަ ބަޔަކު ބާޒާރު ކުރަމުންދިޔަ ވަގުތެއްގައެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިޒްރޭލުގެ މިސައިލްތައް އަލް-ކަޔާލީ އިމާރާތަށް އެކި ދިމާދިމާލުން އެއްވަގުތެއްގައި ވަނީ އަރާފައެވެ. ސަލާމަތްކުރާ ފަރާތްތަކުން ބުނީ އިމާރާތަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުންނާއި ސަރަހައްދުގައި މީހުން ގިނަކަމުން އިމާރާތުގެ މަތީ ފަންގިފިލާތަކާ ހަމައަށް ދިއުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި އޫދާ އަކީ އޮކްޓޯބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އެކަކެވެ. އޫދާގެ ކުރިން ހަމާސްގެ އަސްކަރީ ގާތްގަނޑު ކަމަށްވާ އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސްގެ ކޮމާންޑަރަކަށް ހުރި އިއްޒުއްދީން އަލް-ހައްދާދު ވެސް މިދިޔަ މެއި މަހު ވަނީ އިޒްރޭލުގެ ހަމަލާއެއްގައި މަރާލާފައެވެ.
އޮކްޓޯބަރު 10 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ގާޒާގައި ދުވަހުން ދުވަހަށް ހަމަލާތައް ދަނީ ކުރިއަށެވެ. ގާޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލި ފަހުން ވެސް އިޒްރޭލުގެ ހަމަލާތަކުގައި 900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ގާޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިޒްރޭލުން ވަނީ ފަލަސްތީނުގެ 72,800 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން އިޒްރޭލުން ދަނީ ލުުބުނާނަށް ވެސް ހަމަލާތައް ދެމުންނެވެ. ނަތަންޔާހޫ ވިދާޅުވީ އޮކްޓޯބަރު 7 ގެ ހަމަލާގައި ބައިވެރިވި ކޮންމެ މީހަކު ހޯދައި، އެމީހުންނަށް އަދަބު ދޭނެ ކަމަށެވެ.
_BBC_

